ކޮލޮނޮސްކޯޕީއެއް ހެދުމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ހޭނައްތައިފިއެވެ. އެއާއިއެކު ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ވަގުތީގޮތުން އެމެރިކާގެ ރައީސްގެ ޒިންމާތައް އުފުއްލަވަން ފައްޓަވާފައެވެ. ކަމަލާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް އެވެ. އެހެންކަމުން މިއަދަކީ އެމެރިކާގެ ރައީސްގެ ޒިންމާތަކާއި، ބާރުތައް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އުފުއްލަވާ ދުވަހެވެ.

ވައިޓްހައުސްގެ ތަރުޖަމާން ޖެން ޕްސާކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބައިޑެން ހޭނައްތައިގެން ކުރިއަށް ގެންދާ ޕްރޮސީޖާ ނިމެންދެން އެމެރިކާގެ ރައީސްގެ ޒިންމާތައް ކަމަލާ އުފުއްލަވާނެ ކަމަށެވެ.

ބައިޑެންގެ ކޮލޮނޮސްކޯޕީ އަކީ ގަވައިދުން ވަކި މުއްދަތެއްގައި ހަދަމުންދާ ޕްރޮސީޖާއެކެވެ. މިއަދު ވެސް ކޮލޮނޮސްކޯޕީ ކުރިއަށް ގެންދަނީ ވަކި އިތުރު މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި އެއީ ރޫޓިން ކަމެއް ކަމަށް ވައިޓްހައުސް އިން ބުނެއެވެ.

އުމުރުފުޅުން 79 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސް ކަން ކުރައްވާ އުމުރުން އެންމެ ދޮށީ ބޭފުޅާއެވެ. ބައިޑެން އެޑްމިޓް ކޮށްފައި ވަނީ އެމެރިކާގެ ރައީސުންނަށް ހާއްސަ ހޮސްޕިޓަލް ކަމަށްވާ ވޮލްޓަރ ރީޑް މެޑިކަލް ސެންޓަރުގައެވެ.

ބައިޑެންއަކީ އުމުރުން ވަރަށް ދުވަސްވެފައިވާ ބޭފުޅަކަށް ވުމުން އޭނާގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ބައިޑެންގެ ސިއްހީ ހާލަތުގެ މައުލޫމާތު އެންމެ ފަހުން އާއްމުކުރީ 2019 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބު ދުވަސްވަރު އެވެ. އޭރު ބައިޑެންގެ ޑޮކްޓަރު ބުނެފައި ވަނީ ބައިޑެން އަކީ ރައީސްގެ ޒިންމާތައް އަދާކުރެވޭ ވަރުގެ ސިއްހީ ގާބީލްކަން ހުރި ބޭފުޅެއް ކަމަށެވެ.

ކޮލޮނޮސްކޯޕީއެއް ހެދުމަށް ރައީސް ހޭނެއްތުމުން ނައިބު ރައީސް، ރައީސްގެ ޒިންމާތަކާއި ހަވާލުވުން އެއީ އެމެރިކާގައި އާކަމެއް ނޫނެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ވެސް ކޮލޮނޮސްކޯޕީ ހެދުމަށް ބުޝް ހޭނެއްތުމުން އޭރުގެ ނައިބު ރައީސް ޑިކް ޖޭނީ އެތައް ފަހަރަކު ރައީސްގެ ޒިންމާތަކާއި ހަވާލުވިއެވެ.

އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް އަށް ވަގުތީ ގޮތުން ރައީސްގެ ޒިންމާތައް އަދާނުކުރެވޭ ފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް އަށް ސިޓީއަކުން އެކަން އެންގުމަށް ފަހު ރައީސްގެ ޒިންމާތައް ނައިބު ރައީސް އާއި ހަވާލު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯކިބާ

    ކޯނޗެއް ހޯދަންބާ ކޮލޮނޮސްކޮޕީ ހަަދަނީ، އެއްޗެއް ތާށިވީތަ

    3
    1
  2. ދހދހދސ

    ސޯ މައުމޫނަށްވެސް އަދިވެސް ޗާންސެއް ދީބަލަ. މާ ރަނގަޅުވާނެ އަދިވެސް. 79 އަހަރުގަ ބައިޑެން އަށް ވަންޏާ ވައިނޮޓް މައުމޫން

    11
    3
  3. ފާފު

    ރަނގަޅީ ތިކަލޭގެ މަރުވެ ކަމަލާއަށް ވެރިކަން ލިބުން. އޭރުން އެމެރިކާއަށް ވާން އޮތް ހަތެތި އަވަހަށް ވެގެންދާނީ.