ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 1،254 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، ފަސް ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެ، ހަތަރު ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުން ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް 1000 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އަދި ފަހަކަށް އައިސް މި އަދަދު އަންނަނީ އިތުރު ވަމުންނެވެ.

ރަޝިއާއިން މި ބަލި ޖެހިގެން އިތުރު 1،254 މީހަކު މަރުވެ މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 262,843 އަށް އަރާފައެވެ. އަދި އިތުރު 37,120 މީހަކު ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ ފައްސިވި އަދަދު މިހާރު ވަނީ 9,294,188 އަށް އަރާފައެވެ. އެގައުމުން ދުވާލެއްގެ މައްޗަށް ފައްސިވާ އަދަދު ވެސް އުޅެނީ 20،000 އިން މަތީގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 7,992,426 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 1,038,919 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

ރަޝިއާއިން ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންޓްރޯލް ވުމެއް ނެތި އިތުރުވަމުން އަންނަނީ އެގައުމުގައި ކޮވިޑް-19ގެ އެކި ވައްތަރުތައް ފެތުރިފައިވާތީއެވެ. އަދި އެގައުމުގައި އެންމެ އެދެވޭ ގޮތަށް ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅިފައި ނުވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު