ތައިލެންޑްގެ "ތަމް ލުއަން ނަންގް ނޮން" ހޮހޮޅައިގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ކޯޗް ސަލާމަތް ކުރުމަށް އެތައް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން ދާއިރު ބައެއް މީހުން ކުރާ ސުވާލެއް އެބައޮތެވެ. ކުދިން ތިބި ދިމާލުން ފަރުބަދަ ހޮހޮޅަ އާއި ހަމައަށް ކޮނެގެން ނުވަަތަ ހޮހޮޅަގައި އެކުދިން ތިބި ދިމާލު މަތިން ވިދެއް އަޅައިގެން އެކުދިން ސަލާމަތް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟

މިސުވާލު އުފައްދަން ޖެހެނީ ހޮހޮޅައިގައި ތިބި ކުދިން، ހޮހޮޅައިން ނެރެވެން ކުރަން ޖެހޭ މަސައްކަތް ގިނަ ކަމުންނާއި ނުރައްކާތެރިކަން ބޮޑުކަމުންނެވެ. މިހާރު ކުދިން ސަލާމަތް ކުރަން އޮތީ މައިގަނޑު ދެގޮތެކެވެ. އެއް ގޮތަކީ ފެންގަނޑު ހިނދެންދެން މަޑުކުރުމެވެ. އެކަމަށް އަދި ދެތިން މަސް ނަގާނެއެވެ. ދެވަނަ ގޮތަކީ ކުދިންނަށް ޑައިވް ކުރަން ދަސްކޮށްދީގެން އެކުދިން ނެރުމެވެ. ޑައިވްކުރަން ދަސްކޮށްދީގެން އެކުދިން ނެރުމަކީ ހަޤީޤަތުގައި އޮތް އޮޕްޝަނެއް ވެސް ނޫނެވެ. ސަބަބަކީ ކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. އަދި އެކަމަށް ހޭދަވާނެ ވަގުތާއި ކުދިންގެ ހާލަތު މިހާރު ހުންނާނެ ގޮތް އެއީ ޑައިވް ކުރަން ދަސްކުރަން އެންމެ އެކަށީގެންވާ ގޮތް ކަމަށް ނުވާނެތީއެވެ.

އެހެންކަމުން އެންމެ ފަސޭހައިން އެކުދިން ނެރެވެން އޮތް އެއްގޮތަކީ ފަރުބަދައިގެން މަތިން ވިދެއް އަޅައިގެން ނުވަތަ ކޮނެގެން އެކުދިން ސަލާމަތް ކުރުމެވެ. ނަމަވެސް މިއީ ވެސް ބުނަން ފަސޭހަ ކުރަން އުނދަގޫ ކަމެކެވެ.

އެއް މައްސަލައަކީ ހޮހޮޅައިގައި ކުދިން ތިބި ސީދާ ސަރަހައްދު މަތިން ހޯދަން އުނދަގޫ ވުމެވެ. ވިދެއް އަޅާ ދިމާ ކުދިން ތިބި ސަރަހައްދާއި ދިމާކުރުން އެއީ ތަޖުރިބާކާރުންނަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ލިބެން ހުރި ވަސީލަތްތަކަށް ބަލާއިރު ފަރުބަދަ ކޮންނަން ޖެހެނީ ހަމައެކަނި ކުރެވޭ ލަފާކުރުންތަކަށް ބިނާކޮށެވެ.

އަނެއް މައްސައަލައަކީ ފަރުބަދައިގެ މައްޗަށް އަރަން ކުރަން ޖެހޭ މަސައްކަތެވެ. އެއީ ވަރަށް ބިޔަ ގަސްތައް އުފެދިފައިވާ ބޮޑު ޖަންގައްޔެކެވެ. އެހެންކަމުން ފަރުބަދަ މައްޗަށް އަރާ ފަރުބަދަ ކޮންނާނެ ދިމާ ހޯދުން އެއީ ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.

ފަރުބަދަ ސާފު ކުރެވި، އަދި އެކުދިން ތިބި ދިމާ ފަރުބަދަ މަތިން ފާހަގަ ކުރެވުނު ނަމަވެސް ފަރުބަދަ ކޮނެ ނުވަތަ ވިދެއް އެޅުން އެއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ ފަރުބަދައިގައި ހުންނާނެ ހިލަތަކުގެ ވަރުގަދަ ކަމުންނެވެ. ފަރުބަދައިގައި ވިދެއް އަޅަން އެތައް ހަފްތާތަކެއް ނަގާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެހެންކަމުން ފަރުބަދައިން ވިދެއް އަޅައިގެން ކުދިން ސަލާމަތް ކުރުމަކީ މިވަގުތަށް އޮތް އޮޕްޝަނެއް ނޫނެވެ.

ކުދިން ސަލާމަތް ކުރެވިދާނެ އިތުރު ގޮތްތައް ތަޖުރިބާކާރުން މިހާރު ވެސް ދަނީ ހުށަހަޅަމުންނެވެ. އޭގެތެރޭގައި ހޮހޮޅައަށް ކެޕްސޫލެއް ފޮނުވައިގެން ކުދިން ނެރުމާއި ޕްލާސްޓިކް ހޮޅިއެއް އަޅައިގެން ކުދިން ނެރުމާއި މެދު ވެސް ތަޖުރިބާކާރުން މަޝްވަރާ އެބަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ީމީނަ

    ސުވާލަކީ އެކުދިން ހޮހޮޅައަށް ދިޔައީ ކިހިނެއްހެއްޔެވެ؟

    • އިއްސޭ

      މިކަމާ ގުޅުންހުރި ޚަބަރުތައް ކިޔާލާނަމަ ރަނގަޅުވާނެ. އެކުދިންގެ ކޯޗު ވަރަށް ގިނައިން މިހޮހޮޅައަށް މިކުދިންގޮވައިގެންދޭ. އެއީ ޓީމް ވަރކް އާއި އެހެނިހެން ކަސްރަތުގެ ބޭނުމުގައި. އެދުވަހު އެތަނަށް ވަން ފަހުން ވިއްސާރަވެ ފެންބޮޑުވެ ނުނިކުމެވުނީ.

  2. އަބްދުއްލާ

    ފަހުގެ 2 ގޮތް އެންމެ ރައްކާތެރި ދެގޮތަކީ

  3. Anonymous

    ކެޕްސޫލެއް ބޭނުންކުރަންވިީ

  4. ޑިމޮކްރަޓިސްޓް

    ކީއްކުރަންތަ ތިބަޔަކު ތިތަނަކަށް ގޮސް ކޮށްޕުނީ؟ މިސުވާލުގެ ޖަވާބު އަދިވެސް ނުލިބޭ!

  5. ކައުންސެލަރު

    އަޖައިބު؟ ކަސްރަތުކުރާނެ ތަންތަނާ ޓީމްވޯކް ރަނގަޅުކުރާނެ ފެސިލިޓީސް ގާއިމުކުރެވިފައިހުންނަ ތަންތަން އާންމުކޮށް މީހުންއުޅޭ އިމާރާތްތަކުގައި ހެދިފައި ނުހުންނަނީ؟ އެކަންކަން ހަމަޖެހިފައި ހުންނަނީ އެކަކަށް ކިރިޔާ ހިލަތަކުގެތެރޭގައި ފިތިބާރުވެގެން ދެވޭ ހޮހަޅަތަކުގައި؟ މީހަކު ހޭބަލިވެދާނެންނު

    • ރައުފާ

      ކޯޗު އެތަނަށް އެހާ ދާހިއްވަންޏާ އެކަނި ދިޔަނަމަވީނު ކީއްކުރަންތަ އެކުދިން ގެންދިޔައީ ކަސްރަތު ކުރަން އެނޫން ތަނެއް އެއޮއް ބޮޑު ތައިލެންޓް ކޯޗަށް ނުފެނުނީ ތީއްޗެއް؟؟

  6. ހަސަން

    މިކަމުގާ މަހުލޫފުގެ ލަފައެއް ނުހޯދީކީއްވެބާ