ފަލަސްތީންގެ ޣައްޒާގެ އައްސޭރިފަށުގައި އިމާރާތް ކޮށްފައި ހުރި "އަލް-މޯލްޑިވްސް" ރެސްޓޯރެންޓް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އިސްރާއީލުން ޣައްޒާއަށް މެއި މަހު ދިން ހަމަލާތަކުގައި އެރެސްޓޯރެންޓް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

ދިވެހިރާއްޖޭގެ ނަމަ ނިސްބަތްކޮށް ޣައްޒާގައި ހުޅުވި ރެސްޓޯރެންޓްގައި ތިބޭ އިރު މެޑިޓަރޭނިއަމް ކަނޑު ފެންނަން އޮވެއެވެ. ތޮއްޖެހިފައި އޮންނަ ޣައްޒާގައި ހުރި އެންމެ ހިތްގައިމު ރެސްޓޯރެންޓަކަށް ވެގެން ދިޔައީ "މޯލްޑިވްސް" އެވެ. ތިން ފަންގިފިލާއަށް ހަދާފައި ހުރި ރެސްޓޯރެންޓްގައި ތިބޭ އިރު ކުރެވެނީ ރާއްޖޭގެ ރިސޯޓެއްގައި ތިބޭއިރު ކުރެވޭ އިހްސާސް ކަމަށް ޣައްޒާގެ މީހުން ބުނެއެވެ. އެރެސްޓޯރެންޓް ހުޅުވީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.

ރެސްޓޯރެންޓް ފުރަތަމަ ހުޅުވިއިރު ހުރިގޮތް
ރެސްޓޯރެންޓް ފުރަތަމަ ހުޅުވިއިރު ހުރިގޮތް

އިސްރާއީލުން މެއި މަހު ޣައްޒާ އަށް ދިން ހަމަލާތަކުގައި "މޯލްޑިވްސް" ރެސްޓޯރެންޓަށް ހަތަރު މިސައިލް އަމާޒު ކުރިއެވެ. އެހަމަލާގައި ތިން މީހަކު ޝަހީދުވިއެވެ. މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާއި ހަމައަށް ދިން ހަމަލާތައް އެންމެ ފަހުން ހުއްޓާލީ މިސްރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ.

އިސްރާއީލުން މެއި މަހު ދިން ހަމަލާތަކުގައި ޣައްޒާގެ 1800 އަށްވުރެ ގިނަ އިމާރާތް ސުންނާފިވިއެވެ.

ރެސްޓޯރެންޓް ހިންގި މީހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ރެސްޓޯރެންޓް އަލުން އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިފަހަރު އަތިރިމައްޗާއި ކަނޑު ފެންނަ ގޮތައް ބެލްކަނި އިތުރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ބިރަކީ އިސްރާއީލުން ދެން ހަމަލާއެއް އަމާޒު ވާނެ އިރެއް ނޭނގުން ކަމަށް ވެސް ރެސްޓޯރެންޓްގެ ވެރިފަރާތުން ބުންޏެވެ.

ޣައްޒާގެ ރެސްޓޯރެންޓަށް ޣައްޒާ ރައްޔިތުންގެ އިތުރުން ދުނިޔޭގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑޭ

    ♥️

  2. ރާބެ

    އަދިވެސް ސުންނާފަތި ކުރާނެ. ތިމާމެންގެ ފެންވަރުގަ އުޅެން ނޭނގެންޏާ ވާނީ އެހެން.

    1
    10
    • ޝިޔާމް

      ބަޔަކު ކަލޭވެސް ގެއިން ނެރެލާ ހިދުމަތްތަކުން މަހުރޫމް ކުރީމަ އެކަމާ ދެކޮޅަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ. އެމީހުން އެކުރަނީ އެކަން.