ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނަށް އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އެތައް ބައެއްގެ ފުރާނައާ މިކަން ގުޅިފައިވާއިރު ސަރުކާރުން މިކަމަށް އެއްވެސް ހައްލެއް ހޯދައި ނުދޭތީ އެގައުމުގައި މުޒާހަރާ ވެސް ކުރަން ވަނީ ފަށައިފައެވެ.

ހުކުރު ދުވަހުގެ ރޭ ޕާކިސްތާނުގެ ކަރާޗީ ސިޓީގައި އުމުރުން 27 އަހަރުގެ އަސަދުالله ވަނީ އަމިއްލައަށް އޭނާގެ ގައިގައި ރޯކޮށްލާފައެވެ.

އަސަދުالله ގެ އާއިލާގެ މީހެއް ކަމަށްވާ ޣަނީ ބުނީ ޕާކިސްތާނުގެ އިގްތިސޯދުގެ ހާލަތު އޮތް ގޮތުން އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ބޮޑު ގެންޖެހުމެއް ކުރިމަތިވެފައިވާކަމަށެވެ. ލޯކަލް މީޑިއާތަކަށް ޣާނީ ބުނީ ފައިސާ ހޯދަން އަސަދުالله އަށް އޭނާގެ އަންހެނުންނާއި މައިންބަފައިންގެ ކޯލްތައް އަންނަ ކަމަށާއި ނަމަވެސް ކުލި ދެއްކުމަށާއި އަމިއްލަ ހަރަދުތައް ހަމަޖެއްސުމަށްވެސް އޭނާ އަތުގައި ފައިސާއެއް ނޯންނަ ކަމަށެވެ.

އެންމެ ފަހުން ފައިސާ ލިބޭނެ ގޮތެއް ނެތުމުން އަސަދުﷲ އަމިއްލަ އަށް މަރުވީ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެންގެ ގެދޮރު ނުހިންގޭ، އެހެންވެ އަސަދުالله އަމިއްލައަށް މަރުވީ،" ޣަނީ ބުންޏެވެ.

"އިންފްލޭޝަން މައްޗަށް ގޮސް، އަގުތައް އުފުލިގެން ދާތީ ދިރިއުޅުން ނިމުމަކަށް ގެންނަން ބޭނުންވާ އިތުރު ފަސް މީހަކު އަހަރެން ދަންނަން. ސަރުކާރަށް އިންފްލޭޝަން ދަށްކުރެވެން ޖެހޭނެ."

އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ނުހަނު ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވެއެވެ. ދުނިޔޭގެ ހަތަރުވަނައަށް އެންމެ އިންފްލޭޝަން ބޮޑޫ ގައުމުގެ ގޮތުގައި ޕާކިސްތާން ހިމެނޭ އިރު އެގައުމުގައި ހަކުރުގެ އަގު ޕެޓްރޯލަށްވުރެ ވަނީ މަތިވެފައެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިމްރާން ޚާން ވަނީ ދިހަ މިލިއަން ވަޒީފާ އުފެއްދުމާއެކު ކޮރަޕްޝަން ނައްތާލައި ފަގީރުކަމުން ރައްޔިތުން މިންޖުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެގައުމު ފުދުންތެރި ޕާކިސްތާނަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު