ސޫދާންގެ ސިފައިން ގެނައި ބަޣާވާތެއްގައި ބޮޑުވަޒީރުގެ މަގާމުން ދުރުކުރި އަބްދުﷲ ހަމްދޫކް އަނެއްކާވެސް ބޮޑުވަޒީރުގެ މަގާމަށް އަނބުރާ ގެންނަން ސިފައިން އެއްބަސްވެ، އެކަމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ސިފައިން ގެނައި ބަޣާވާތައް ފަހު ޕްރެޝަރު ބޮޑުވުމުން އިތުރު އެއްވެސް ގޮތެއް ނެތިގެން ވެރިކަމުގެ ބާރުތައް އަނެއްކާވެސް މަދަނީ ފަރާތްތަކާއި ހަވާލުކުރަން ސިފައިން އެއްބަސްވެފައިވާކަން ކަށަވަރު ކޮށްދެއްވީ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި އުއްމާ ޕާޓީގެ ލީޑަރު ފަތުހުﷲ ބަރުމާ ނާސިރުއެވެ.

ސޫދާންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބޮޑުވަޒީރު އަލުން ކެބިނެޓް އެކުލަވާލާއިރު އެކުލަވާލާނީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން ބޭފުޅުންނެވެ. ނަމަވެސް ކެބިނެޓްގައި ހިމެނޭނެ ބޭފުޅުންނާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ސޫދާންގެ ސިފައިންނާއި އެކު ކުރެވުނު މަޝްވަރާތަކަށް ފަހު މިހާރު ވަނީ ހުރިހާ ސިޔާސީ ކުއްވެރިން ވެސް ދޫކޮށްލަން އެއްބަސްވުމަކަށް އާދެވިފައެވެ.

ބޮޑުވަޒީރު ހަމްދޫކް އަލުން ބޮޑުވަޒީރުގެ މަގާމަށް ގެންނަން ސިފައިން އެއްބަސްވެފައި ވީނަމަވެސް ހަމްދޫކް މަގާމުގެ ޒިންމާތަކާއި ހަވާލުވާނެ ދުވަހެއް އަދި އެއްވެސް ފަރާތަކުން އިއުލާނެއް ނުކުރެއެވެ.

2019 ވަނަ އަހަރު ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު ވެރިކަމުން ދުރުކުރި ފަހުން ސޫދާނަށް ސިޔާސީ ހަމަޖެހުން އައިސްފައެއް ނުވެއެވެ. އޭގެ ފަހުން އެގައުމުގެ ވެރިކަން ކުރަމުން އަންނަނީ މަދަނީ ސިޔާސީ ބޭފުޅުންނާއި ސިފައިން ބައިވެރިވެގެން އުފައްދާފައިވާ ކައުންސިލަކުންނެވެ. ކައުންސިލްގައި ތިއްބަވާ ސިފައިން ގެންދަވަނީ ވެރިކަމުގައި ސިފައިންގެ ހިއްސާ ކުޑަކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. ބަޣާވާތް ކުރީވެސް ސިފައިން ބޭނުންވާ ގޮތައް ގިނަ ކަންކަން ނުކުރެވޭ ކަމަށް ބުނެއެވެ.

ނަމަވެސް ބަޣާވާތަކުން ވެރިކަމަށް އައުމާއިއެކު ސޫދާންގެ އެކި ސަރަހައްދުތަކުގައި އެގައުމުގެ ރައްޔިތުން ދަނީ ހުއްޓުމެއްނެތި މުޒާހަރާ ކުރަމުންނެވެ. ސިފައިންނާއި ދެކޮޅަށް ފަނޑިޔާރުންނާއި ޓީޗަރުން ވެސް ނިކުމެ ބަޣާވާތާއި ދެކޮޅު ހަދަން ފެށުމުން ސިފައިންނަށް މަޖުބޫރުވީ މިމައްސަލައަށް ސިޔާސީ ހައްލެއް ހޯދަން ކަމަށް ރިޕޯޓްތައް ބުނެއެވެ.