އެމެރިކާގެ ވިސްކޮންސިންގައި ކްރިސްޓިއަނުންގެ ދީނީ ހިނގާލުމެއް ކުރިއަށް ދަނިކޮށް ހިނގާލުމުގެ ބައިވެރިންގެ ގައިގަ ވެހިކަލަކުން ޖައްސައި ބަޔަކު މަރާލައިފިއެވެ.

މިހާދިސާގައި މަރުވި މީހުން އަދަދު އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނެފައި ވަނީ މިހާދިސާގައި "ބަޔަކު ވަނީ މަރުވެފައި." ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވެހިކަލުން ޖެއްސުމުން ޒަހަމްވި މީހުންގެ އަދަދު ވެސް 30 އަށް އަރައެވެ. ޒަހަމްވި މީހުންގެ ތެރެއިން 12 ކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ވެހިކަލްގެ މީހުންގެ ގައިގަ ޖެއްސީ ހިނގާލުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފު ފޫއަޅުވާލާފައި ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ހިނގާލުމުގައި ބައިވެރިވަމުން ދިޔަ މީހުންގެ ގައިގަ ޖެއްސި ވެހިކަލް ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މީހުންގެ ގައިގަ ޖައްސާފައި ވަނީ އެސްޔޫވީ އަކުންނެވެ. އެތައް ބަޔަކު ޒަހަމް ކޮށްލައި އަދި މަރާލުމަށް ފަހު ވެހިކަލް ވަނީ އެސަރަހައްދުން ގޮސްފައެވެ. ފުލުހުންނަށް ވެހިކަލް ފެނުނީ އެސަރަހައްދުގެ ގެއެއްގެ ކައިރީގައި ޕާކް ކޮށްފައި އޮއްވައެވެ.

އެމެރިކާގެ ސީބީއެސް އިން ބުނާ ގޮތުގައި މިހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ފުލުހުން ބައެއް މަގުތައް ބަންދުކޮށް މަގުމަތީގައި ފޯރިމަރަމުންދާ ކަމަށް ވެސް ސީބީއެސް އިން ބުނެއެވެ.

ވެހިކަލަކުން ބައެއްގެ ގައިގަ ޖެއްސި ހާދިސާ އާއި ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ މިއީ ކޮންކަމަކާއި ގުޅިގެން މީހަކު ކުރިކަމެއް ކަން އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާއިޒާ

    އެމެރިކާގެ ރައްޔިތަކުކުރިކަމަކަށްވީނަމަވެސް މުސްލިމް ނަމެއްކިޔާފަ ޓެރަރިސްޓް ޖަމާއަަތެއްގެ ނަންވެސްލިޔެފާނެ

  2. ޝިޔާމް

    ތިވާނީ ބޯ ހަމަ ނުޖެހޭ މީހެއް ކަމަށް؟