2019 ވަނަ އަހަރު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ޝަރީއަތް އެގައުމުގެ ކޯޓެއްގައި ކުރިޔަށް ގެންދަން ފަށައިިފިއެވެ.

ލަންކާގައި ދިރިއުޅޭ ނަސާރާއިންނަށް އަމާޒުކޮށް އެގައުމުގެ ވެރިރަށް ކޮލޮންބޯގައި ހުންނަ ފައްޅިއަކަށާއި މަތީ ފެންވަރުގެ ތިން ހޮޓަލަކަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ފުރަތަމަ ޝަރީއަތަށް ހާޒިރު ކޮށްފައިވަނީ ގައުމީ ފުލުހުންގެ ކުރީގެ ވެރިޔާ ޕުޖީތު ޖަޔަސުންދަރާއެވެ. އޭނާގެ މައްޗަށް ޖުމުލަ 855 ދައުވާއެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ނިރުބަވެރި ހަމަލާއެއް ދީފާނެ ކަމުގެ އިންޓެލިޖެންސް އިންޒާރު ތަކުރާރުކޮށް ދިނުމުން ވެސް އަމަލު ކޮށްފައި ނުވާތީއާއި، މީހުން މެރުމާއި، ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ ހިމެނެއެވެ. ޕުޖީތު އާއި ދެކޮޅަށް ހެކި ބަސް ދިނުމަށް ޖުމްލަ 1215 ހެކިން ހަމަޖައްސާފައިވެއެވެ.

ލަންކާ ހަމަލާތަކުގައި އިސްކޮށް އުޅުނު ޒަހްރާންގެ ކޮއްކޮ ދިރިއުޅޭ ގެ - ވަގުތު އިމޭޖަސް: މުހައްމަދު ޖިމީ

ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމާސިރީ ފެނާންޑޯގެ މައްޗަށް ވެސް މިފަދަ ދައުވާތަކެއް ވަނީ ކޮށްފައެވެ. ދެ މީހުން ވެސް ކަފާލާތުގެ ދަށުން ވަނީ މިނިވަންކޮށްފައެވެ.

"އަޅުގަނޑުމެންގެ ޕޮޒިޝަނަކީ ކުރީގެ ފުލުހުންގެ ވެރިޔާ ކުށްވެރިއެއް ނޫން. ބޭނުންވަނީ، މި ހަމަލާގައި އޭނާގެ ބައިވެރިވުމެއް ވޭތޯ ނުވަތަ ނޫންކަން ބެލުން،" ގާނޫނީ ވަކީލު ރަންޖީތު ދޭހިވާލާ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

ލަންކާއަށް ދެވުނު ހަމަލާތަކަށްފަހު ކުރިޔަށްދިޔަ ޖަނާޒާއެއްގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ޖިމީ

މި ހަމަލާތައް ދިން ކަމަށް ތުހުމަތު ކުރެވޭ 24 މީހެއްގެ ޝަރީއަތް މާދަމާ ފެށުމަށް ކޯޓުން ވަނީ ތައްޔާރުވެފައެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް 23،000 އަށް ވުރެ ގިނަ ދައުވާ އުފުލާފައިވާރު، އޭގެ ތެރޭގައި މީހުން މެރުމަށް ރޭވުމާއި، ހަމަލާދިނުމަށް އެހީތެރިވުމާއި، ހަތިޔާރާއި ގޮވާތަކެތި އެއްކުރުން ހިމެނެއެވެ. އެ 24 މީހުންގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތާއި ގުޅުން އޮންނަ އަދި ޙަމަލާތަކުގެ އެންމެ އިސް މޭސްތިރިޔާ މުހައްމަދު ނައުފަރުވެސް ހިމެނެއެވެ.

ލަންކާ ހަމަލާގައި އިސްކޮށް އުޅުނު ޒަހްރާނާއި އޭނާގެ ހައްދުފަހަނައަޅާފައިވާ ބައިވެރިން

2019ވަަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު 3 ޗާޗަކާއި މަތީފެންވަރުގެ 3 ހޮޓަލަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 267 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 45 ބިދޭސީއަކު ހިމެނެއެވެ. އަދި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސް އިންނެވެ.