ސްރީލަންކާގައި ފެރީއެއް އަޑިއަށް ގޮސް ދަރިވަރުންތަކަކާއި އާއްމުންގެ ބަޔަކު މަރުވެއްޖެއެވެ.

ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މިހާދިސާ ހިނގީ ސްރީލަންކާގެ އިރުމަތީގައި އޮންނަ ޓްރިންކޮމޮލީގެ ކިނިޔާ ސަރަހައްދުތައެވެ.

ފެރީން ދަތުރު ކުރި މީހުންގެ ތެރެއިން ހަމީހަކު މަރުވެފައިވާކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. އޭގެތެރޭގައި ހަތަރު ކުއްޖަކު ހިމެނެއެވެ.

އަޑިއަށް ދިޔަ ފެރީ އަކީ ފަސެންޖަރުން އުފުލާ ފެރީއެކެވެ. ފެރީގައި ދަތުރު ކުރި 11 ފަސެންޖަރަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދިވެސް ފެރީން ދަތުރުކުރި ގިނަ ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފެރީން ދަތުރު ކުރި މީހުންގެ އަދަދެއް ވެސް އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެއްސްކޫލެއްގެ 20 ދަރިވަރަކު ފެރީގައި ތިއްބެވެ. އެއީ ޗުއްޓީ އަކަށް ދަތުރު ކުރި ދަރިވަރުންތަކެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ލަންކާ ސިފައިންގެ ޑައިވަރުން މިހާރު ވަނީ ފެރީ އަޑިއަށް ދިޔަ ސަރަހައްދަށް ޑައިވް ކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ފެރީ އަށް ދާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ފެރީ އަޑިއަށް ދިޔަ ސަރަހައްދަކީ ދިވެހިން ދިރިއުޅޭ ސަރަހައްދެއް ނޫނެވެ.

ސްރީލަންކާ އަކީ ފެރީ އެކްސިޑެންޓްތައް ހިނގުން ވަރަށް މަދު ގައުމެކެވެ. އެގައުމުގައި ފެރީގައި ދަތުރު ކުރާ މާގިނަ ތަންތަނެއް ވެސް ނުހުރެއެވެ.