ސާބިއާގައި ހުންނަ ޗައިނާގެ ފުރަތަމަ ޓަޔަރު ފެކްޓަރީ ބިނާ ކުރަން އުޅޭ ވިއެޓްނާމްގެ 500 ވަރަކަށް މަސައްކަތްތެރިން ވަރަށް ދަތި ހާލުގައި އުޅެމުން އަންނަ ކަމަށް ބޭރުގެ މީޑިއާއެއް ކަމަށްވާ އޭޕީން ރިޕޯޓުކޮށްފިއެވެ.

ޗައިނީޒް ޝަންޑޮންގް ލިންގްލޯންގް ޓަޔަރ ކޯ އިން ހިންގާ މި ސައިޓަކީ ބެލްގްރޭޑްގެ އުތުރުން 50 ކިލޯމީޓަރު ދުރުގައި، ސާބިއާގެ ރަށެއް ކަމަށްވާ ޒެރެންޖާނިން ކައިރީ އޮންނަ ސައިޓެކެވެ. އެ ތަނަށް ދިޔަ އޭޕީގެ ރިޕޯޓަރުން ބުނީއެ ތަނުގެ މީހުން މަސައްކަތުގެ މާހައުލާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އިންސާނީ ހައްގުތަކަށް އަރައިގަންނަތަން، ސަބަބަކީ ވިއެޓްނާމް (މަސައްކަތްތެރިން) މަސައްކަތް ކުރަނީ ވަރަށް ބިރުވެރިހާލަތެއްގައި،" ސާބިއާގެ އެކްޓިވިސްޓް މިސޯ ޒިވަނޯވް އޭޕީ އަށް ބުންޏެވެ..

އެ އައުޓްލެޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަސައްކަތްތެރިން ތިބީ ފިނިވެ، ބަނޑުހައިވެ، އެއްވެސް ފައިސާއެއް ނެތި މަގުމަތިވެފައެވެ.

މަސައްކަތްތެރިން ބުނާ ގޮތުގައި ވަޒީފާދޭ ޗައިނާގެ ފަރާތްތަކުން ވަނީ އެމީހުންގެ ޕާސްޕޯޓާއި މުސާރަ ހިފަހައްޓައިފައެވެ. އަދި މެޓައެއް ވެސް ލިބެން ނެތް ކަމަށާއި މަސައްކަތްތެރިންގެ ފިނި ކުރާ ބެކެރެކްސްގައި ހުންނަ ފެން ވެސް ހޫނު ކުރެވޭނެ ގޮތް ނެތް ކަމަށެވެ.

ސާބިއާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ މަސައްކަތްތެރިންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ނުވަތަ އަޅުވެތިކަމުގެ ޝިކާރައަކަށް އެމީހުން ވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ޗައިނާގެ ކުންފުނިން ސާބިއާގެ މީޑީއާތަކަށް ބުނީ ވިއެޓްނާމްގެ މަސައްކަތްތެރިން ލައްވައި މަސައްކަތް ކުރުވުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި ޕާސްޕޯޓުތައް ނެގީ ސްޓޭމްޕް ޖެހުމަށް ކަމަށާއި އެ އަނބުރާ ރައްދު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު