އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވައިޓްހައުސް އިން ބުނެފިއެވެ. އެމެރިކާގައި ދެން ރިޔާސީ އިންތިހާބެއް އޮންނާނީ 2024 ވަނަ އަހަރު އެވެ.

ބައިޑެން ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި މިވަނީ އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާފައި ވަނިކޮށެވެ.

އުމުރުފުޅުން 79 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސްކަން މިހާތަނަށް ކުރައްވާ އުމުރުން އެންމެ ދޮށީ ބޭފުޅާއެވެ. އުމުރުން ދޮށިވުމުން ބައިޑެން އަށް ޒިންމާތައް އެންމެ އެކަށީގެންވާ ގޮތުގައި އަދާނުކުރެވޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން މިހާރު ވެސް އަންނަނީ ބުނަމުންނެވެ.

ދާދިފަހުން ވޮޝިންޓަން ޕޯސްޓް އާއި އޭބީސީ ސާވޭ ގުޅިގެން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި ބައިޑެން އަށް މިހާރު ތާއިދު ކުރަނީ ވޯޓް ލުމުގެ ހައްގު ލިބިފައިވާ %40 މީހުންނެވެ.

ބައިޑެން އިތުރު ދައުރަކަށް ވެރިކަން ބޭނުންވާކަން ވައިޓްހައުސް އިން އިއުލާން ކުރިއިރު ފަހަކަށް އައިސް ނައިބު ރައީސް ކަމަލާ ހެރިސް ވަރަށް ގިނަ އިވެންޓްތަކުން ފެންނާތީ ބައިޑެންގެ މަގުސަދަކީ ބައިޑެންގެ ބަދަލުގައި ކަމަލާ އެމެރިކާގެ ރައީސް ކަމަށް ވާދަކުރުން ކަމަށް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ. ނަމަވެސް ކަމަލާގެ މަގުބޫލުކަން ވެސް އެމެރިކާ މީހުންގެ މެދުގައި ވަރަށް ދަށެވެ. ކަމަލާ އަށް ތާއިދު ކުރަނީ އެންމެ %28 މީހުންނެވެ.

އެމެރިކާގައި ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވާދަކުރާނެ ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޓްރަމްޕް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް ޓްރަމްޕް މިހާރު ވެސް ގެންދަނީ ރިޕަބްލިކަން ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.