ބަލްގޭރިއާގެ ހައިވޭއެއްގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި މަދުވެގެން 45 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއެކްސިޑެންޓް ހިނގީ ބަލްގޭރިއާގެ ވެރިރަށް ސޯފިއާ އާއި 40 ކިލޯމީޓަރު ދުރުގައި އޮންނަ ހައިވޭއެއްގައެވެ.

ބަލްގޭރިއާގެ އިންޓީރިއާ މިނިސްޓްރީން ބުނީ އެކްސިޑެންޓްވި ބަހުން ހަތް ފަސެންޖަރަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ބަލްގޭރިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެކްސިޑެންޓްގައި މަރުވި މީހުންގެ ތެރޭގައި ބަހުގައި ތިބި 12 ކުޑަކުދިން ވެސް ހިމެނެއެވެ. އެކްސިޑެންޓްވި ބަހަކީ ތުރުކީވިލާތުގެ އިސްތަންބޫލުން މެސެޑޯނިއާގެ ސްކޮޖީއަށް ދަތުރު ކުރަމުން ދިޔަ ބަހެއް ކަމަށް ވެއެވެ. ބަހުގައި ތިބި އެންމެންނަކީ ވެސް މެސެޑޯނިއާ މީހުން ކަމަށް ބެލެވެއެވެ.

ބަލްގޭރިއާގެ ބޮޑުވަޒީރު ޒޮރަން ޒެއެވް ވިދާޅުވީ އެކްސިޑެންޓްގައި މަރުވި އެންމެންނަކީ މެސެޑޯނިއާގެ މީހުން ކަން އަދި ކަށަވަރު ނުވާ ކަމަށާއި ނަމަވެސް އެކްސިޑެންޓްވި ބަހަކީ މެސެޑޯނިއާގެ ބަހެއް ކަމަށް ވާތީ ބަހުގައި ތިބީ މެސެޑޯނިއާ މީހުން ކަމަށް ބެލެވޭ ކަމަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން މިހާރު މެސެޑޯނިއާގެ ސްޓޭޓް ޕްރޮސެކިއުޓަރ އޮފީހުން ވަނީ ތަހްގީގެއް ފަށާފައެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގުނު ނަމަވެސް ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގައި ވަނީ އަލިފާން ރޯވެ އަނދާފައެވެ. ބެލެވޭ ގޮތުގައި އެކްސިޑެންޓްގައި ގިނަ ބަޔަކު މަރުވީ ކުއްލިއަކަށް ބަހުގައި އަލިފާން ރޯވުމުން ބަހުން ނުފޭބިގެންނެވެ.

މިއެކްސިޑެންޓާއި ގުޅޭ ގޮތުން މެސެޑޯނިއާ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.