2021 ވަނަ އަހަރު ނިމޭއިރު ޔަމަނުގެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 377،000 އަށް އަރާނެ ކަމަށް އދއިން ލަފާކޮށްފިއެވެ.

ޔުނައިޓެޑް ނޭޝަންްސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން އިއްޔެ ނެރުން ބަޔާނެއްގައި ބުނީ ޔަމަނުގެ ހަނގުރާމައިގައި މަރުވި މީހުންގެ 70 އިންސައްތަ އަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިން ކަމަށެވެ. އަދި 60 އިންސައްތަ މީހުން މަރުވަނީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ބަނޑުހައިހޫނުކަމާއި، ބަލިތައް ފަދަ އެހެނިހެން ކަންކަމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

"ޔަމަނުގެ މައްސަލައަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު، ހަނގުރާމައިގެ މައިދާނުގައި މަރުވި މީހުންގެ އަދަދަށްވުރެ އިތުރުކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ އާޗިމް ސްޓެއިނަރ ވިދާޅުވެފައިވެއެވެ.

2014 ވަނަ އަހަރުން ފެށިގެން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ޔަމަނުގެ ސަރުކާރު "ގެނބިގެން" ގޮސްފައިވާއިރު، ހޫތީ ހަނގުރާމަވެރިންގެ ޖަމާއަތުން ވެރިރަށް ސަނާ ހިމެނޭ ގޮތަށް އެގައުމުގެ އުތުރުގެ ބޮޑު ބައެއް ހިސޯރުކޮށްފައި ވެއެވެ. ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކާރިސާއަކާއި ކުރިމަތިވެ ގިނަ ބަޔަކު ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާއިރު، އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

އެގައުމުގެ ހާލަތު އދއިން ސިފަކޮށްފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައެވެ. އަދި 15.6 މިލިއަން މީހުން ދިރިއުޅެމުންދަނީ ވަރަށް ފަގީރު ހާލުގައެވެ.

މީގެއިތުރުން، އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް 1.3 މިލިއަން މީހުން މަރުވާނެ ކަމަށާއި، އޭގެ ތެރެއިން 70 އިންސައްތަ މީހުން މަރުވާނީ ދިރިއުޅުމުގެ ވައްޓަފާޅި ގެއްލި، ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި، ސިއްހީ އަދި ތައުލީމު ފަދަ އަސާސީ ހިދުމަތްތައް ހީނަރުވުން ފަދަ ކަންކަމުގެ ސަބަބުން ކަމަށް އދއިން އާންމުކުރި ރިޕޯޓުގައި ބުނެފައިވެއެވެ. 2030 ވަނަ އަހަރު އަންނަންވާއިރަށް މެލްނިއުޓްރިޝަން ތަހައްމަލު ކުރާ މީހުންގެ އަދަދު 9.2 މިލިއަނަށް އަރާނެ ކަމަށާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންގެ އަދަދު 22 މިލިއަނަށް ނުވަތަ އާބާދީގެ 65 ޕަސެންޓަށް އަރާނެ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.