ޖަރުމަންވިލާތުގެ ޗާންސެލަރު އެންޖެލާ މާކެލް މަގާމުން ދުރުވެވަޑައިގެންނެވުމުން ދެން އެމަގާމާއި ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ޕާޓީއަށް ނިސްބަތްވާ އޯލެފް ޝޮލްޒް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެންޖެލާ މާކެލްގެ ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އަށް މިފަހަރުގެ އާއްމު އިންތިހާބުގައި އަޣުލަބިއްޔަތެއް ނުލިބުނެވެ. އެހެންކަމުން ޝޮލްޒް ޖަރުމަންވިލާތުގެ ޗާންސެލަރު ކަމަށް ވަޑައިގަންނަވާނީ ކޯލިޝަން ސަރުކާރެއްގައެވެ. އޭނާ ޗާންސެލަރު ކަމުގެ މަގާމަށް ގެނެސް ސަރުކާރެއް އެކުލަވާލުމަށް އިތުރު ދެޕާޓީއަކުން ވަނީ ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އާއި ގުޅިފައެވެ.

ނަމަވެސް ތިން ޕާޓީގެ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭނެ ކަން ކަށަވަރު ވާނީ އަންނަ ހަފްތާގައި އެޕާޓީތަކުގެ އާއްމު މެންބަރުން ކޯލިޝަން ހަދަން ރުހުން ދީފިނަމައެވެ. އާއްމު މެންބަރުން ރުހުން ދީފިނަމަ މިއީ 1950 ވަނަ އަހަރަށް ފަހު ޖަރުމަންވިލާތުގެ ފެޑްރަލް ސަރުކާރެއް ހިންގަން ކޯލިޝަނެއް ހަދާ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ.

ތިން ޕާޓީގެ ކޯލިޝަނަށް ދީފައިވާ ނަމަކީ "ޓްރެފިކް ލައިޓް ކޯލިޝަނެވެ." އެއީ ތިން ޕާޓީން ބޭނުން ކުރާ ކުލަތައް ޓްރެފިކް ލައިޓްގައި ހިމެނޭތީއެވެ.

ޔޫރަޕްގެ އެންމެ ބޮޑު އިޤުތިޞާދު އޮތް ޖަރުމަންވިލާތުގައި އަލަށް އެކުލަވާލާ ސަރުކާރުގެ މައިގަނޑު މަޤުޞަދު ތަކަކަށް ވެގެން ދާނީ ގައުމުގެ އުމްރާނީ ވަސީލަތްތައް އިތުރަށް ވަރުގަދަ ކުރުމާއިއެކު ތިމާވެށި ހިމާޔަތް ކުރުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަން ވާއިރަށް ކޯލް ބޭނުން ކުރުން ހުއްޓާލުމާއި 2040 ވަނަ އަހަރު އަންނަން ވާއިރު ކަރަންޓް އުފެއްދުމަށް ތެޔޮ ބޭނުން ކުރުން ހުއްޓާލުމަކީ އާސަރުކާރުގެ އަމާޒަކަށް ވާނެއެވެ.

އެންޖެލާ މާކެލްގެ 16 އަހަރުގެ ވެރިކަމަށް ނިމުން އަންނަން ކައިރިވެފައި ވާއިރު އެކަމަނާއަށް ފަހު ޖަރުމަންވިލާތުގެ އިޤުތިޞާދީ ބާރުވެރިކަން ދެމެހެއްޓިދާނެތޯ ތަޖުރިބާކާރުން އަންނަނީ ސުވާލު ކުރަމުންނެވެ. ހާއްސަކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަކީ އިޤުތިޞާދީ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ގޮންޖެހުމަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.