އަވަށްޓެރި އިންޑިޔާގެ މަދްޔަ ޕްރަދޭޝްގައި ނުވަ އަހަރުގެ އަންހެން ކުއްޖެއް ރޭޕުކުރި މީހަކަށް މަރުގެ އަދަބު ދިނުމަށް ކޯޓުން ޙުކުމް ކޮށްފިއެވެ. މި މީހާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމްކޮށްފައިވަނީ އެ ސްޓޭޓުގެ ސާގަރު އަވަށުގައި ހުންނަ ކޯޓަކުންނެވެ.

މި ޙުކުމާ ގުޅޭގޮތުން އެސަރަޙައްދުގެ ފުލުހުންގެ ސުޕްރިޓެންޑެންޓް އެއްކަމުގައިވާ ސަތިޔަންދުރާ ޝުކްލާ، "ޓައިމްސް އޮފް އިންޑިޔާ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ، ކުޑަކުދިން ރޭޕުކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަނޑައެޅި ފަހުން ކުރި ފުރަތަމަ ހުކުމް ކަމުގައެވެ.

ރޭޕުގެ ކުށް ހިންގި މީހާއަށް މަރުގެ ހުކުމް ދިނުމާ ގުޅިގެން މަދްޔަ ޕްރަދޭޝްގެ ހޯމް މިނިސްޓަރު ބުނެފައިވަނީ މިއީ ތާރީޚީ ނިންމުމެއް ކަމުގައެވެ. އަދި، މި ކަމުގެ ސަބަބުން، މިފަދަ ކުށްތައް ކުރާ މީހުންނަށް އަދަބު ދޭން، އެސަރަޙައްދުގެ ސަރުކާރުން ފަސް ނުޖެހޭނެކަން ހާމަވާނެކަމަށްވެސް ބުނެފައިވެއެވެ.

އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިން ރޭޕުކުރާ މީހުން މަރައިގެން އަދަބު ދިނުމަށް، އެސަރަޙައްދުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި، އެމަޖިލީހުން ފާސްކުރި ނިންމުން، އެޤައުމުގެ ރައީސް ތަސްދީޤުކުރުމުން، އެ ބިލުވަނީ ޤާނޫނަކަށް ބަދަލުވެގެން ގޮސްފައެވެ.

ޓައިމްސް އޮފް އިންޑިޔާ ނޫހުން ބުނެފައިވާ ގޮތުގައި މަރަން ހުކުމް ކުރި މީހާގެ ނަމަކީ ނާރާޔަން ޕަޓޭލް އެވެ. އޭނާ ކުޑަ ކުއްޖަކު ރޭޕުކޮށްފައިވަނީ ފައްޅިއެއްގެ ތެރޭގައިކަމަށްވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ މައްސަލަ ހުށަހެޅިތާ 12 ގަޑިއިރުގެ ތެރޭގައެވެ. މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން މި މައްސަލަ ތަޙުޤީޤުކޮށްފައިވަނީ ޚާއްޞަ އިސް ކަމެއް ދީގެން، 72 ގަޑިއިރުގެ ތެރޭގައެވެ.

އަންހެނުންނާއި އަންހެން ކުދިން ރޭޕުކުރުމަކީ އިންޑިޔާގައި އިންތިހާ ދަރަޖައަށް އިތުރުވެފައިވާ ކަމެކެވެ.