ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރު 10 އަހަރަު ވެރިކަމުގައި ހުރެދާނެ ކަމަށާއި ޝީ އަތުގައި ބާރުތައް ހުރުމަކީ ޗައިނާގެ ޚާރިޖީ އަދި އިގުތިސާދީ މުސްތަގުބަލަށް މާ ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށް ބޭރުގެ ބައެއް ތަޖުރިބާކާރުން ލަފާކޮށްފިއެވެ.

ޗައިނާގެ އެންމެ ބާރުގަދަ ލީޑަރަކަށް ޝީ ވެވަޑައިގެންނެވީ، ޗައިނާގެ "ބޮޑެތި ކާމިޔާބީތަކާއި ތާރީހީ ތަޖުރިބާތައް" ފާހަގަ ކުރުމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އިން ތާރީހީ ގަރާރެއް ފާސްކުރުމާ ގުޅިގެންނެވެ. މި ގަރާރުގައި ޝީއަށް ތިން ވަނަ ދައުރަކަށް ހުއްދަދޭ އިރު އުމުރު ދުވަހަށް ޗައިނާގައި ވެރިކަން ކުރުމުގެ މަގު ވެސް ފަހިވެދާނެ ކަމަށް އެ ގަރާރުގައި ވެއެވެ.

އެޗްކޭ ޕޯސްޓުން ބުނީ ޝީގެ ބާރުތައް އެއްކުރުމަކީ ޗައިނާއަށް ގެއްލުން ހުރި ކަމަކަށް ވެދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ޗައިނާގެ އެހެން ލީޑަރުން ވެސް ކަންބޮޑުވެވަޑައި ގަންނަވަނީ ޗައިނާގެ އަވަށްޓެރި ގައުމުތަކާއި ހުޅަނގުގެ ގައުމުތަކުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ޝީއަކީ މަދަނީ އަދި އަސްކަރީ ހުރިހާ އިސް މަގާމުތަކެއް ފުރުއްވަމުން އަންނަ ބޭފުޅެކެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޝީ މަދުވެގެން އިތުރު ދިހަ އަހަރު ހިދުމަތް ކުރައްވާނެއެވެ. އޭގެ މާނައަކީ މިހާރު ތިއްބެވި ޕޮލިޓިކަލް ބިއުރޯގެ މެމްބަރުންނަށް ޕްރޮމޯޝަންތަކުގެ ފުރުސަތު ގެއްލޭނެ ކަމެވެ.

އެޗްކޭ ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝީ އަކީ ޗައިނާގެ ގިނަ ތަންތަނުގެ ޗެއާމަންކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޝީގެ ޒައާމަތުގައި ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ ރޮނގުގެ ހައްގުތަކާއި، އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދީ ރޮނގުގެ މައްސަލާގައި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކާއި ޖަޕާނާއި ދެކުނު ކޮރެއާ ފަދަ އަވަށްޓެރި ގައުމުތަކާ ދެެބަސްވެފައެވެ. މީގެ އިތުރުން، ލަދަކްގައި އިންޑިއާއާ އެކު ވެސް ވަނީ ލޭ އޮހޮރުވުންތަކެއް ހިންގައި، އެ ކުރިމަތިލުންތައް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    " އިޚްލާސްތެރި " އެކެއްގެ އަތުގަ ބާރުތައް އޮވެ 10-15 ވަރަކަށް އަހަރަށް ވެރިކަމުގަ ހުރެފިއްޔާ އެ ތަނެއް ކުރި އަރާނެކަމަށް ފެނޭ ހީލަތްތެރި ހުޅަނގުއުޅޭނީ ޑިކްޓޓރ ލޭބަލް އަޅުވައިގެން އެހެން ބަޔަކު ކުރި އެރިއަ ނުދޭން