ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި އދގެ ސަލާމަތީ ގާފިލާއަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި އަށް މީހުން މަރުވެ 17 މީހުން ޒަހަމްވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި ހަމަލާގެ ސަބަބުން ޒަހަމްވި މީހުންގެ ތެރޭގައި ސުކޫލު ދަރިވަރުން ހިމެނެއެވެ. މިއަދުގެ ވަގުތެއްގައި ދިން މި ހަމަލާގެމ ޒިންމާ އަލް ޝަބާބް ޖަމާއަތުން ވަނީ އުފުލާފައެވެ. މަންޒަރު ދުށް މީހުންނާއި، އެވަގުތު އެތަނުގައި ތިބި މީހުން ބުނި ގޮތުގައި އެ ސަރަހައްދުން އެވަގުތު ބަޑީގެ ހަމަލާތަކުގެ އަޑު އިވިގެން ދިޔައެވެ.

"މި ހަމަލާގެ ސަބަބުން 8 މީހުން މަރުވެ އިތުރު 17 މީހުން ވަނީ ޒަހަމްވެފައި. އޭގެ ތެރޭގައި 13 ދަރިވަރުން ވެސް ހިމެނޭ" ފުލުހުންގެ ތަރުޖަމާނު އަބްދިފާތާ ހްޑަން ހަސަން ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ،ސްޕޯޓްސް ޔުޓިލިޓީ ވެހިކަލް (އެސްޔޫވީ) އެއްގައި ބޮން ހަރުކޮށް ދީފައިވާ މި ހަމަލާއަކީ އދގެ ސަލާމަތީ ގާފިލާއަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

ސްކޫލެއްގެ ކައިރިން ދަތުރު ކުރަމުންދިޔަ ގާފިލާއަށް އަމާޒުކޮށް ދިން މި ހަމަލާގެ ސަބަބުން އދގެ އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އަލް ޝަބާބުން ސޯމާލިއާގެ މަރުކަޒީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެ ޖަމާއަތުން ދަނީ އިސްލާމީ ޝަރީއަތުގެ ހަރުކަށި މާނައިގެ މައްޗަށް ބިނާކޮށް އަމިއްލަ އުސޫލުތަކެއް ކަނޑައަޅަމުންނެވެ.