ޖަރުމަނުވިލާތުގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 100،000 އަށް ވުރެ އިތުރުވެއްޖެއެވެ.

ޕަބްލިކް ހެލްތު އޭޖެންސީއެއް ކަމަށްވާ ރޮބާޓް ކޮޗް އިންސްޓިޓިއުޓް (އާރްކޭއައި) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޖަރުމަނުވިލާތުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ބަލީގައި 351 މީހަކު މަރުވެފައިވެއެވެ. މިއާއި އެކު އެ ގައުމުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 100،119 އަށް އަރާފައެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކާއި އަޅާ ބަލާއިރު، ޖަރުމަނުގައި ކޮވިޑްގެ ހާލަތު ރަނގަޅު ނަމަވެސް، ވޭދަނަތައް އިތުރުވެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގެ އެނދުތައް ފުރެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަނުގައި ކޮވިޑް ވޭދަނަތައް އިތުުރުވެފައިވަނީ ޔޫރަޕުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފްތާގައި ޔޫރަޕްގައި 2.5 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ، 30،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

ޖަރުމަނުގައިވެސް ކޮވިޑް ވޭދަނަތައް އިތުރުވާން ފެށުމާއެކު ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން، އާންމުން ވެކްސިން ޖަހާފައިވާކަން ސާބިތުކޮށްދޭން ޖެހުމާއި، ޕަބްލިކް ޓްރާންސްޕޯޓްގައި ދަތުރުކުރުމުގެ ކުރިންނާއި، މަސައްކަތުގެ މާހައުލަށް ވަނުމުގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނައްސި ނަތީޖާއެއް ދައްކަން ޖެހެއެވެ.

އާރްކޭއައި އިން ވަނީ މި ބަލިމަޑުކަން ފެތުރެން ފެށި ފަހުން މިހާތަނަށް ޖަރުމަނުން 5،573،756 މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެ ތެރެއިން 4,744,400 މީހުން ވަނީ ބަލިން ރަނގަޅުވެފައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

83 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަރުމަނުވިލާތުގައި، އާބާދީގެ 67 އިންސައްތަ މީހުން ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ޖަަހައި ވެކްސިން ފުރިހަމަ ކޮށްފައެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ބުނަނީ އެވަރުން އަދި ނުފުދޭ ކަމަށެވެ.