ފާއިތުވެދިޔަ ދެ ދުވަހު ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19އަށް ފައްސިވުމުން، ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްލޮވާކިއާ ފުރަބަންދުކޮށްފިއެވެ.

އެ ގައުމުގެ އިކޮނޮމީ މިނިސްޓަރ ރިޗާޑް ސުލިކް އިއްޔެ ވިދާޅުވީ، އެ ގައުމުން ކޮވިޑަށް ފައްސިވާ އަދަދުތައް ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި، މިއަދުން ފެށިގެން އެ ގައުމު ދެ ހަފްތާއަށް ފުރަބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވަޒީރުންގެ ބައްދަލުވުމަކަށްފަހު ސުލިކް ވިދާޅުވީ، ރެސްޓޯރެންޓްތަކާއި ފިހާރަތައްވެސް ބަންދު ވާނެ ކަމަށެވެ. އެހެން ނަމަވެސް ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ވިއްކާ ފިހާރަތަކާއި ބޭސްފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ ދެ ހަފްތާއިން ބަދަލުތަކެއް އަންނާނެ ކަމަށް، 10 ދުވަހުން އަޅުގަނޑުމެން ހާލަތު ވަަޒަން ކުރާނަން". އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ގައުމުގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް އޮތް 90 ދުވަހަށް އިއުލާނުވެސް ކޮށްފައެވެ. މި ހާލަތު އިއުލާނު ކުރުމާއެކު ކާފިއު ހިންގާނެއެވެ. އެގޮތުން ރޭ ދަންވަރުން ފެށިގެން އެއަށް އަމަލު ކުރަން ފަށާފައިވާއިރު، މީހުންނަށް ބޭރަށް ދެވޭނީ ހަމައެކަނި ފިހާރައަށް ނޫނީ މަސައްކަތަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށާއި، ޕާކަށް ހިނގާލުމަށްވެސް ދެވޭނެއެވެ.

އަދި އަންނަ ހަފްތާއިން ފެށިގެން ވެކްސިން ޖަހާފައިވާ މުވައްޒަފުންނަށާއި، ކޮވިޑުން ރަނގަޅުވިތާ ހަ މަސް ނުވާ މީހުންނަށް މަސައްކަތަށް ދެވޭނެ ކަމަށް ބުނެފައިވާއިރު، ދެން ތިބި މީހުން މަސައްކަތަށް ނުކުންނަ ނަމަ ކޮންމެ ހަތް ދުވަހަކުން އެއް ފަހަރު ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެއެވެ.

އެ ގައުމުގައި ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ ބުދަ ދުވަހު އެކަނިވެސް 10،315 މީހަކު ކޮވިޑަށް ފައްސިވުުމުންނެެވެ. މިއީ އެ ގައުމުން ކޮވިޑް ފެނުނު ފަހުން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަަށް ފައްސިވި ދުވަހެވެ. މިއާއެކު އެ ގައުމުން 641,903 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި 14,107 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

އަދި މިހާރުވެސް އެ ގައުމުގައި ބަލި ޖެހިފައި އެއްލައްކަށްވުރެ ގިނަ މީހުން ތިބިއިރު، 3200 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދެއެވެ.

ސްލޮވާކިއާ ވެފައި ވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޗެކް ރިޕަބްލިކް އާއި އޮސްޓްރިއާ ހިމެނޭހެން ކޮވިޑްގެ ހަތަރު ވަނަ ރާޅު އަރައި ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުންދާ ގައުމުތަކުގެ ތެރޭގައެވެ. އޮސްޓްރިއާގައިވެސް ކޮވިޑްގެ ހާލަތު ގޯސްވެ މި ހަފްތާ ތެރޭގައި ފުރަބަންދުކޮށްފައިވެއެވެ.

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް ފެތުރެމުންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ވަނީ ކުރިއަށް އޮތް ތިން މަސް ތެރޭގައި ޔޫރަޕުން އިތުރު ފަސް ސަތޭކަ ލައްކަ މީހުން އެ ބަލީގައި މަރުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު