ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމަކަށް ތައްޔާރުނުވެ ހާޒިރުވި ދެ މީހަކު ބައްދަލުުވުމުން ބޭރުކޮށްލައިފިއެވެ.

ލަންކާ ރައީސް ވަނީ ލިބެން ހުރި ފާޓިލައިޒާ ސްޓޮކްތަކާ ބެހޭ ގޮތުން ދެ އޮފިޝަލަކާ ސުވާލު ކޮށްފައެވެ. ރައީސްގެ ސުވާލަށް ޖަވާބުދޭން އެ އޮފިޝަލަކަށް ނޭނގުނެވެ. ރައީސް ގޮތަބަޔަ ވަނީ މައުލޫމާތު ނޭނގުން އޮފިޝަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޭރަށް ނުކުމެވަޑައިގެން މައުލޫމާތު ހޯއްދެވުމަށް އަންގަވައިފައެވެ.

ރަނގަޅަށް ތައްޔާރުވެގެން ބައްދަލުވުމުގައި ބައިވެރިވާން އައުމަށް ފޮނުވާލީ ކޮލޮމްބޯ ކޮމާޝަލް ފާޓިލައިޒާ ލިމިޓެޑްގެ ޗެއާމަން އާއި އިތުރު އޮފިޝަލެކެވެ. މި ބައްދަލުވުމަކީ މާހާ ސީޒަންގެ ދަނޑުވެރިކަމާއި، އޯގެނިކް ފާޓިލައިޒަރ ސަޕްލައިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމުގެ ވީޑިއޯ ޓްވިޓާގައި އާއްމުވެފައި ވާއިރު، ތައްޔާރު ނުވެ ދެ މީހުން ހާޒިރުވުމުން ގޮތަބަޔަ ނުރުހުންވެ، ވާހަކަ ދައްކަވާ މަންޒަރު އެ ވީޑިއޯ އިން ފެނިގެންދެއެވެ.

މި ބައްދަލުވުމުގައި ގޮތަބަޔާ ވިދާޅުވީ ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި އޯގެނިކް ފާޓިލައިޒަރ ބޭނުން ކޮށްގެން ފެހި ދަނޑުވެރިކަން ކުރުން ކަމަށް ވިދާޅުވިއެވެ. ލަންކާ ރައީސް ވިދާޅުވީ ލަންކާ ސަރުކާރުން ހަމައެކަނި އޯގެނިކް ފާޓިލައިޒަރ ދަނޑުވެރިންނަށް ބަހައި، އޯގަނިކް ދަނޑުވެރިކަމަށް ސަބްސިޑީ ދޭނެކަމަށެވެ.

މިއަހަރު ކުރީކޮޅު ވަނީ ލަންކާއަށް އެތެރެ ކުރުން މަނާ ތަކެތީގެ ލިސްޓަށް ފާޓިލައިޒާ ނުވަތަ ގަސް ކާނާ އިތުރުކޮށްފައެވެ. މި ބަދަލު ގެނައުމާއެކު، ފާޓިލައިޒާ ނުލިބުމުގެ ސަބަބުން ދަނޑުތައް ހަލާކުވާ މައްސަލަައިގައި ދަނޑުވެރިން ވަނީ މުޒާހަރާކޮށްފައެވެ. ދަނޑުވެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެފައި ވަނީ ފާޓިލައިޒާ މަނާ ކުރުމުން ލަންކާގެ ދަނޑުވެރިކަން 100 އިންސައްތަ އޯގެނިކް ދަނޑުވެރިކަމަށް ބަދަލުވާނެ ކަމަށެވެ.