ކޮމާޝަލް އެއާބަސް A340 އެއް ފުރަތަމަ ފަހަރަށް އެންޓާޓިކާގެ ގަނޑުފެން ސަރަހައްދަކަށް ޖައްސައިފިއެވެ. މިއީ މާޒީގައި ވެސް އެއާބަސްއެއް އެންޓާޓިކާއަށް ޖެއްސި ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކާލޮސް މިރުޕޫރީގެ ކެޕްޓަން ކަމުގެ ދަށުން އެންޓާޓިކާއަށް ޖެއްސި އެ މަތިންދާބޯޓަކީ މިމަހުގެ ނޮވެމްބަރު ދެވަނަ ދުވަހު ދެކުނު އެފްރިކާއިން ފުރައިގެން އެންޓާޓިކާއަށް ޖެއްސި ފްލައިޓެކެވެ.

އެއީ 4506 ކިލޯ މީޓަރުގެ ދަތުރެއް ކޮށްފައި ދިޔަ ފްލައިޓެކެވެ. އެކި މަންޒިލްތަކަށް ޖެއްސި ނަމަވެސް މި ފްލައިޓް އެންމެ ފަހުގެ މަންޒިލުން އެންޓާޓިކާއަށް ކޮށްފައިވަނީ ފަސް ގަޑިއިރުގެ ދަތުރެކެވެ.

ކާލޮސް ބުނެފައިވަނީ އެސަރަހައްދުގައި ޖެއްސިފައިވަނީ މަސްތަކެއް ވަންދެން ތައްޔާރުވަމުން ގޮސްފައިވާތީ ކަމަށާއި އެސަރަހައްދަށް ފްލައިޓު ޖެއްސުމަކީ އެކަން ކުރާ ފަރާތްތަކަށް ވެސް ހިތްވަރު ލިބޭ ކަމަށެވެ.

އެ ފްލައިޓާއި ކްރޫއިންނަކީ އޭވިއޭޝަން ދާއިރާގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ހައިފްލައި ނަމަކަށް ކިޔާ ކުންފުންޏަކުން ޗާޓަރު ކޮށްގެން ދަތުރު ކުރި ފްލައިޓެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް އެންޓާޓިކާއަށް ޖެއްސުމުގެ ކުރިން އެތަނުގައި އޮތް ރަންވޭއަކީ އެއާބަސް ޖެއްސޭވަރަށް އޮތް ރަންވޭއެއްތޯ ވަނީ ކަށަވަރު ކޮށްފައެވެ. އެހެން ނަމަވެސް ރަންވޭގެ އެކި ހިސާބުތައް އުސްކޮށް ހުރުމުން ދަތިތަކެއް ހުރި ކަމަށް ޕައިލެޓުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ މާޒީގައި ވެސް އެއާބަސްއެއް އެންޓާޓިކާއަށް ...... މިއީ ތާރީޚްގައިވެސް ........ މިގޮތަށް އޮންނާނީ. މާޒީއޭ ލިޔެވޭނީ ކުރިން ހިނގާފައިވާ ކަމަކަށް އިޝާރާތްކޮށް ލިޔާއިރު

  2. ކޮރަލް

    ސަލާމަތުން އޮތް ސަރަހައްދު ވެސް ހަލާކު ކޮށްލަނީ އެވެ.