ޓައިވާނުގައި މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފިލަން ޗައިނާއަށް ދިއުމުން ކޮވިޑް-19 އާއި ގުޅިގެން އޭނާ ކަރަންޓީނު ކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ޓައިވާނުގައި ބަޑިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި އޭނާ އަށް ތުހުމަތު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ހުއަން ނަމަކަށް ކިޔާ ފިރިހެނަކަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓައިވާނުގެ ސިޓީއެއް ކަމަށްވާ ޓައިޕެއިގައި ބަޑިން ހަމަލާދީ މަރާލާފައިވަނީ އުމުރުން 45 އަހަރުގެ މީހެކެވެ. އޭނާގެ ކަރުގެ ދެ ތަނަށް ބަޑިން ހަމަލާ ދީފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ހުއަން އަށް ތުހުމަތު ކޮށްފައިވަނީ އެވަގުތު އޭނާ އެސަރަހައްދުން އަޅި ކުލައިގެ ކާރަކަށް އަރައިގެން އެހެން ދިމާލަށް ދިއުމާއި ގުޅިގެންނެވެ.

ފުލުހުން ބުނެފައިވަނީ އޭނާއަށް އެ ތުހުމަތު ކޮށްފައި ވަނީ ޕާކިންގައި އޮތް ކާރު ނަގައިގެން އޭނާ ދިޔަ މަގުމަތީ ދެފަހަރެއްގެ މަތިން އޭނާ އޭރު ލައިގެން ހުރި ހެދުން ބަދަލު ކޮށް، އެސަރަހައްދުން ވަގުތުން ފިލާފައިވާތީ ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ދިޔަ ގޮތަށް ދިޔައީ ޓޯޔުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށާއި އެތަނުން ޗައިނާއަށް ފުރި ކަމަށެވެ.

އޭނާ ފިލަން ވެގެން ޗައިނާއަށް ދިޔައިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން އެގައުމުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެއީ އެގައުމުން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ވެސް ކަރަންޓީނުވާން ޖެހޭ އުސޫލެވެ. އެހެންކަމުން މިހާރު އޭނާ ހުރީ ކަރަންޓީނުގައި ކަަމުން ފުލުހުންނަށް އޭނާ ހޯދަން ފަސޭހަ ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު