ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު އިސްރާއީލުން ފެނިއްޖެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އިސްރާއީލުގެ ހެލްތް މިނިސްޓްރީން ބުނީ، ދެކުނު އެފްރިކާއިން ފެނުނު ކޮވިޑަށް ފައްސިވެފައިވަނީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ މަލަވީއިން އެގައުމަށް އައި މީހެއްގެ ގައިން ކަމަށެވެ.

ހެލްތް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެމީހާ އާއި އެކީ އިތުރު ދެ މީހަކު ވެސް އެގައުމަށް އައި ކަމަށާއި އެހެން ނަމަވެސް އެމީހުންނަށް ޖެހިފައިވަނީ ކޮވިޑްގެ ކޮންވައްތަރެއްކަން އަދި ނޭނގޭ ކަމަށެވެ.

ބަޔާނުގައި ބުނީ، އެ ތިން މީހުންނަކީ ވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަމަށާއި މިވަގުތު އެންމެން ވެސް ތިބީ ކަރަންޓީނުގައި ކަމަށެވެ.

ދެކުނު އެފްރިކާއިން ކޮވިޑްގެ އާ ވައްތަރެއް ފެނިފައިވާއިރު، ސައިންސްވެރިން ބުނެފައިވަނީ އެސަރަހައްދުން ފެނިފައިވާ ވައްތަރަކީ ބިރުގަންނަން ޖެހޭ ވަރުގެ ވައްތަރެއް ކަމަށާއި އެވައްތަރުގެ ސަބަބުން ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ، ހާލުބޮޑުވާ މީހުންގެ އިންސައްތަ ވެސް އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހާއްސަކޮށް ޅަ އުމުރު ފުރާގެ ކުދިންނަށް ބަލި ޖެހިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން ކޮވިޑްގެ އާވައްތަރު ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުން ވަނީ ދެކުނު އެފްރިކާއާއި އެފްރިކާ ބައްރުގެ ހަ ގައުމެއް އެގައުމުގެ ރަތް ލިސްޓުގައި ހިމަނާފައެވެ.