އިންޑިއާގައި އަލަށް ފިރިހެނުންނަށްވުރެ އަންހެނުން އިތުރުވެއްޖެ ސަރުކާރުގެ ރެކޯޑްތަކުން ދައްކައިފިއެެވެ. އެ ޑާޓާތަކުން ދައްކާގޮތުގައި، އާބާދީ ދެވަނަ އަށް އެންމެ ގިނަ އިންޑިއާގައި ވިހާ ކުދިންގެ އަދަދު ދަށްވާން ވަނީ ފަށައިފިއެވެ.

އިންޑިއާގައި އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިންނަށް އިސްކަން ދެއެވެ. އަދި އަންހެން ކުއްޖަކު ވިހައިފިނަމަ އެއީ އާއިލާއަށް ކުރިމަތިވި ބޮޑު މުސީބާތެއް ކަމަށް ދެކެމުންދިޔައެވެ.

މިއާއެކު ވިހާ ކުއްޖާގެ ޖިންސު ބަލާ، ދަރި ވައްޓާލުމުގެ ކަންކަންވެސް ކުރިއެވެ. ނަމަވެސް މިހާރު އެފަދަ ކަންކަން ވަރަށް ބޮޑަށް މަދުވެ އިންޑިއާގައި ފިރިހެނުންނަށްވުރެ އަންހެން ކުދިން ގިނަކަމަށް މި ވަނީ ދައްކާފައެވެ.

ހެލްތް މިނިސްޓްރީން ދެ އަހަރު ދުވަހުގެ ދިރާސާއަކަށް ފަހު ނެރުނު ނޭޝަނަލް ފެމެލީ އެންޑް ހެލެތް ސާވޭގައިވާގޮތުން ކޮންމެ 1،000 ފިރިހެނަކަށް 1،020 އަންހެނުން ރެކޯޑްކޮށްފައިވެއެވެ.

މިއީ 1876 ވަނަ އަހަރު އިންޑިއާގައި ފުރަތަމަ ފަހަރަށް ނެޝަނަލް ބޯހިމެނުމެއް ހެދި ފަހުންވެސް ސަރުކާރުގެ އާބާދީގެ މުހިންމު އެއްވެސް ސާވޭއަކުން ފިރިހެނުންނަށް ވުރެ އަންހެނުން ގިނަވި ފުރަތަމަ ފަހަރެވެ.

ޕޮޕިއުލޭޝަން ފައުންޑޭޝަން އޮފް އިންޑިއާގެ ހެލްތް ސައިންސްޓިސްޓް ސިންގަމިތްރާ ސިންގް އޭފްޕީއީއަށް ވިދާޅުވީ، ޓޯޓަލް ސެކްސް ރޭޝިއޯ ރަނގަޅުވަމުން އައި ނަމަވެސް މިންތީގެ ހަމަހަމަކަމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެ ޑޭޓާތަކުން ދައްކާގޮތުގައި އިންޑިއާގެ ފާޓިލިޓީ ރޭޓް ވަނީ ދަށަށް ގޮސްފައެވެ.

އިންޑިއާއަކީ 1.3 ބިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ.

މި ސާވޭގެ ޑޭޓާތައް ނަގާފައި ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި ގާތްގަނޑަކަށް 600،000 ގޭބިސީއަކުންނެވެ.