ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާ ވޭރިއެންޓާއެކު ތެލުގެ އަގު ފަސް އިންސައްތަ އަށްވުރެ ދަށަށް ވެއްޓިފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެވްއެޗްއޯ)އިން އާ ވޭރިއެންޓް B.1.1.529 އާ ގުޅޭގޮތުން ވާހަކަދައްކާނެއެެވެ. ދެކުނު އެފްރިކާގެ ސައިންސްވެރިން ހާމަކޮށްފައިވާގޮތުގައި މިއީ މިހާރުގެ ބާރު ގަދަ ޑެލްޓާ ވޭރިއަންޓަށް ވުރެ އެތައް ގުނައެއް ވަރުގަދަ ވޭރިއެންޓަކަށް ވެދާނެއެވެ. އަދި މިއީ ވެސް ވަރަށް އަވަހަށް ގައިން ގަޔަށް އަރާ ވޭރިއަންޓެެއް ކަމަށް ސައިންސްވެރިން ހާމަކޮށްފައި ވެއެވެ.

މި ކޮވިޑްގެ ވައްތަރު ހޮންގްކޮންގް އާއި އިސްރާއީލުންވެސް ފެނިފައިވެއެވެ.

ކޮވިޑްގެ އާ ވޭރިއެންޓާއެކު ތެލުގެ އަގު ދަށަށް ވެއްޓުނީ މިއަދުއެވެ. އެގޮތުން އެމެރިކާގެ ތެލުގެ އަގު 5% ނުވަތަ 4.27 ޑޮލަރަށް ދަށްވެ، ތެޔޮ ފީފާއެއްގެ އަގު ވަނީ 74.12 ޑޮލަރަށް ވެއްޓިފައެވެ. އަދި ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް ފިއުޗާސް ގައި ތެލުގެ އަގު 5.6 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު 77.64 ޑޮލަރަށް ވެއްޓިފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ދަތުރުފަތުރު ދަށްވެ، އާ ފުރަބަންދުތަކެއް އައުން އެކަށީގެންވާ އިރު، ޑިމާންޑަށް ހީނަރުކަން އަތުވެދާނެ ކަމަށް ބެލެވެއެވެ.

އޯއަންޑާގައި އޭޝިއާ ޕެސިފިކްގެ ސީނިއާ މާކެޓް އެނަލިސްޓް ޖެފްރީ ހާލީ ހުކުރު ދުވަހު ކުރެއްވި ދިރާސާ ނޯޓެއްގައި ވިދާޅުވީ، ކޮވިޑްގެ އާ ވޭރިއަންޓް ފެނުމާއެކު އިންވެސްޓަރުން "ބިރުގެންފައިވާ" ކަމަށެވެ.

އިކޮނޮމިސްޓުން މިހާރުވެސް ތިބީ ޔޫރަޕްގައި ކޮވިޑްގެ ހާލަތަށް ބަލައި ވަރަށް ބޮޑަށް މާޔޫސްވެފައި ކަަމަށް ސީއެންއެން އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ރާއްޖޭގައި އަގު ހެވެއް ނުވާނެ. ބޭރުގެ މާކެޓްގައި އަގު ބޮޑުވާ އިރަށް ރާއްޖޭގައި ބޮޑުވާނެ، ނަމަވެސް ބޭރުގެ މާކެޓްގައި އަގު ހެޔޮވާއިރު ރާއްޖޭގައި އަގު ހެވެއް ނުވާނެ.