ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު ހޮންކޮންގްގުން ވެސް ފެނިއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ހޮންކޮންގް ސަރުކާރުން ބުނެފައިވަނީ އެންމެ ފުރަތަމަ ކޮވިޑްގެ އެވައްތަރަށް ފައްސިވެފައިވަނީ ދެކުނު އެފްރިކާއިން އެގައުމަށް މި މަހު އައި ފިރިހެނެއްގެ ގައިން ކަމަށާއި އޭގެ ފަހުން އޭނާ އާއި އެކީ އެއް ހޮޓަލެއްގައި ކަރަންޓީނުގައި ހުރި މީހަކު ވެސް މި ވައްތަރަށް ފައްސިވެފައިވާ ކަމަށެވެ.

އެގައުމުގެ ސަރުކާރުން ބުނީ، އެމީހުން ފައްސިވެފައިވަނީ ކޮވިޑްގެ އާ ވައްތަރަށްކަން އެނގިފައިވަނީ ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނާތީ ހެދި ސީކުއެންސިން އިން ކަމަށެވެ. އަދި މިހާރު އެއީ ދެކުނު އެފްރިކާއިން ފެނުނު ވައިރަސްގެ ވައްތަރުކަން ޔަގީން ވެފައިވާ ކަމަށް ވެސް ސައިންސްވެރިންނާއި ހަވާލާދީ އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެގައުމުން ކޮވިޑްގެ އާވައްތަރަށް ދެމީހަކު ފައްސިވެފައިވާއިރު، ސަރުކާރުން ވަނީ ބަލި އަނެއްކާ ވެސް ފެތުރެން ފަށާފައިވަނީ ކޮވިޑްގެ އާވައްތަރަށް ފައްސިވެފައިވާ މީހާ ހޮޓަލުގައި މާސްކު ނާޅައި ހޮޓެލުގެ ކުޑަ ދޮރުތައް ހުޅުވާތީ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭނާ ކަރަންޓީނުގައި ހުރި ކޮޓަރި ޖެހިގެން ތިބި ކޮޓަރި ތަކުގައި ތިބި މީހުން މި ބައްޔަށް ފައްސިވެފައެއް ނުވެއެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ ވައްތަރު ދުނިޔޭގެ ގިނަ ގައުމުތަކުން ފެންނަމުން އަންނައިރު، ސައިންސްވެރިން ބުނެފައިވަނީ އެސަރަހައްދުން ފެނިފައިވާ ވައްތަރަކީ ބިރުގަންނަން ޖެހޭ ވަރުގެ ވައްތަރެއް ކަމަށާއި އެވައްތަރުގެ ސަބަބުން ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ، ހާލުބޮޑުވާ މީހުންގެ އިންސައްތަ ވެސް އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަޙްމަދު

    އާވައްތަރުގެ ކޮވިޑަށް އާވައްތަރު ވެކްސިން އުފައްދާ އެ ޖަހަން މަޖުބޫރު ކުރުވަންވީ.
    މިއޮތީވަ ވިއަފާގެ އާވައްތަރެެއް ދަަސްވެފަ.