ކޮވިޑް-19 ވައިރަސް އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ވޭރިއަންޓެއް ދެކުނު އެފްރިކާ އިން ފެނި އަދި މިހާރު ބައެއް އެހެން ގައުމުތަކަށް ފެތުރިފައި ވީނަމަވެސް ވަކި ގައުމެއް ނުވަތަ ގައުމުތަކެއްގެ މީހުންނަށް ބޯޑަރު ބަންދުކޮށް ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް ނޭޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އެދިއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާން ކްރިސްޓިއަން ލިންޑްމާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާވެރިއަންޓް ފެތުރެމުން ދިޔަ ނަމަވެސް ދަތުރު ކުރުން މަނާކުރުން ނުވަތަ އެހެން ފިޔަވަޅެއް އެޅުން ފަދަ ކަމެއް ކުރަން ޖެހޭނަމަ އެކަން ޑަބްލިއުއެޗްއޯ އިން އިއުލާން ކުރާނެއެވެ.

މިހާރު ފެތުރެމުންދާ އާވޭރިއަންޓާއި ގުޅޭ ގޮތުން ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާ ކުރުމަށް ޑަބްލިއުއެޗްއޯ އިން ބާއްވާ ބައްދަލުވުމެއް މިއަދު ހަވީރު ރާއްޖޭ ގަޑިން 16:00 ގައި ޖެނީވާގައި ވަނީ ފަށާފައެވެ. ބައްދަލުވުން ކުރިއަށް ގެންދަނީ ނޫސްވެރިން ބައިވެރިނުކޮށެވެ. އެހެންކަމުން ބައްދަލުވުމުގައި މަޝްވަރަ ކުރެވެމުންދާ ކަންކަމުގެ މައުލޫމާތެއް އަދި ސާފެއް ނުވެއެވެ. ބައްދަލުވުން ނިންމާލުމަށް ފަހު ޑަބްލިއުއެޗްއޯ އިން ނޫސްވެރިންނާއި މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބެލެވެއެވެ.

އާވޭރިއަންޓް ފެތުރެމުން ދިޔަ ނަމަވެސް ދަތުރު ކުރުން މަނާ ނުކުރަން ޑަބްލިއުއެޗްއޯ އިން އެދުނުއިރު މިހާރު ވެސް އީޔޫގެ ގައުމުތަކުންނާއި އިނގިރޭސިވިލާތުން އަދި ބައެއް އެހެން ގައުމުތަކުން ވެސް ވަނީ ދެކުނު އެފްރިކާ އަށް ކުރާ ފްލައިޓް ދަތުރުތައް ހުއްޓާލާފައެވެ.

ކޮވިޑް-19 ގެ 100 އަށް ވުރެ ގިނަ ވޭރިއަންޓް މިހާތަނަށް ފާހަގަ ކުރެވިފައި ވީނަމަވެސް ގިނަ ވޭރިއަންޓްތަކުގެ ސަބަބުން ވަކި އިތުރު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ. ނަމަވެސް މިހާރު ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ވޭރިއަންޓްގެ ތަފާތަކީ ޗައިނާގެ ވޫހާން އިން ފުރަތަމަ ފެނުނު ކޮވިޑް ވައިރަސް އަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިވޭރިއަންޓްގައި އައިސްފައި ވުމެވެ. އެހެންކަމުން ފުރަތަމަ ފެނުނު ވައިރަސްގެ ކޯޑަށް ތައްޔާރުކުރި ވެކްސިން މިހާރު ފެނިގެން އުޅޭ ވޭރިއަންޓަށް މަސައްކަތް ނުކޮށްފާނެ ކަމަށް ބައެއް ސައިންސްވެރިން ލަފާކުރެއެވެ.

ނަމަވެސް އެކަން މުޅިން ކަށަވަރު ވާނީ އަދި އިތުރު ޓެސްޓްތަކެއް ހަދައިގެންނެވެ. ސައިންސްވެރިން މިހާރު ގެންދަނީ މިހާރު ފެނިގެން އުޅޭ ވޭރިއަންޓާއި ގުޅޭ ދިރާސާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަމީ

    މިމީހުން ބޭނުންވަނީ ވައިރަސް ރަނގަޅައް ފަތުރާލަންދޯ