ހޮހޮޅައެއްގައި ތާށިވެފައިވާ ކުޑަކުދިންގެ ފުޓުބޯޅަ ޓީމު ސަލާމަތްކުރުމުގައި އަދިވެސް އަލިމަގެއް ފެނިފައި ނުވެއެވެ. ތައިލެންޑުގެ އެންމެ ތަޖުރިބާކާރު ފަރާތްތަކާއި، ދުނިޔޭގެ ފެންވަރުގައިވެސް، ކަމަށް އެންމެ ޤާބިލު މީހުން ދަނީ ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންނެވެ.

"ވައިލްޑް ބޯރ ސޮކަރ ޓީމް" ސަލާމަތްކުރުމުގެ މަސައްކަތުގައި، މިއަދު ވަރުގަދަ މަސައްކަތްތަކެއް ފަށާފައިވާއިރު، ތާށިވެފައި ތިބި ކުދިންގެ ފަރާތުން، އެކުދިންގެ މައިންބަފައިންނަށާއި އާއިލާތަކަށްވަނީ ސިޓީ ފޮނުވާފައެވެ. އެކުދިންގެ ޙާލާއި އެނޫންވެސް ކަންކަން ބަޔާންކޮށްފައިވާ މި ސިޓީ އާއްމުކޮށްފައިވަނީ، ތައިލެންޑިުގެ ނޭވީ ސީލްގެ ފޭސްބުކު ޕޭޖުގައެވެ.

އާއްމުވެފައިވާ ސިޓީތަކުގެ ތެރެއިން، އާއްމުންގެ ހިތުގައިވެސް އެންމެ އަޅައިގަތް އެއް ސިޓީއަކަށްވެފައިވަނީ، ހޮހޮޅައިގައި ތާށިވެފައި ހުރި އެންމެ ކުޑަކުއްޖާގެ ސިޓީއެވެ. އުމުރުން 11 އަހަރުގެ ޗަނިން ވިބޫންރުންގްރުއަންގެ ސިޓީގައި، އެތަނުން ސަލާމަތްވުމަށް ފަހު ކުރާނެ ކަންތައްތައްވެސް ބަޔާންކޮށްފައިވެއެވެ.

ހޮހޮޅައިގާ ތާށިވެފައިވާ ޓީމް

ޗަނިންގެ ސިޓީގައި އޭނާ ބުނެފައިވަނީ ހޮހޮޅައިން ސަލާމަތްވުމަށްފަހު އެންމެ ފުރަތަމަ ބޭނުންވަނީ ތެލުލައިފައި ހުރި މީރު ކުކުޅުގެ ކެއުމެއް ކާންކަމުގައެވެ.

"ބައްޕާ، މަންމާ އަހަރެންނާމެދު ފިކުރު ނުކުރޭ...އަހަރެންގެ ޙާލު ރަނގަޅު. ޕީ ޔޮޑް (އާއިލާގެ ދުވަސްވީ އަންހެނެއް) ކައިރީގައި ބުނެބަލަ އަހަރެން ތެލުލި ކުކުޅު ކާން ގެންދާށޭ. އެންމެން ދެކެވެސް ވަރަށް ލޯބިވާ." ސިޓީގައި ބުނެފައިވެއެވެ.

ޗަނިންގެ ބައްޕަވަނީ، މި ސިޓީ ލިބުނުފަހުން، "ސީއެންއެން" އާ ވާހަކަ ދައްކާފައެވެ. ޗަނިންގެ ބައްޕަ، އުމުރުން 35 އަހަރުގެ ތަނާވަތުވެސް ދަނީ އެހެން ކުދިންގެ ބެލެނިވެރިންނެކޭ އެއްގޮތަށް، އޭނާގެ ދަރިފުޅު އަންނާނެ ވަގުތަކަށް، އަރާމެއް ނެތި އިންތިޒާރު ކުރަމުންނެވެ.

ތަނާވަތު ބުނެފައިވާ ގޮތުގައި ދަރިފުޅުގެ ސިޓީއެއް ލިބުމުން ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. އަދި، ދަރިފުޅުގެ ޙާލު ރަނގަޅުކަން އެނގުމުން އެތައް ތަނެއް، އޭނާގެ ހިތަށް ފަސޭހަވެފައިވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ދަރިފުޅު ހުރީ ވަރުބަލިވެފައިކަމެއް ނުވަތަ ނޫންކަމެއް ނޭނގޭކަމަށްވެސް ތަނާވަތު ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، ދަރިފުޅުގެ ސިޓީގައި ބަޔާންކޮށްފައިވާ ފިހުނު ކުކުޅަކީ، އެމީހުންގެ އަވަށުގައި ހުންނަ ކޭއެފްސީ އަށް ގެންދިޔުމަށް އެދިފައިވާ އެދުމެއްކަމަށް ބުނެފައިވެއެވެ. އަދި، އެކަން އެދިފައިވަނީ ބޮޑުދައިތަގެ ފަރާތުންކަމަށްވެސް ބުނެފައިވެއެވެ.

ދަރިފުޅު ދެކިލުމަށް ކެތްމަދުވެފައި ހުރި ތަނާވަތު ބުނެފައިވަނީ ހޮހޮޅައެއްގެ ތެރޭގައި ހުރުމަކީ އުނދަގޫ ކަމެއްކަން ޚުދު އޭނާއަށްވެސް އެނގޭކަމަށެވެ. އަދި، ކުދިން ސަލާމަތްކުރުމުގެ ބުރަބޮޑު މަސައްކަތަށް، އެތައް ހުރަހެއް އެޅެމުންދާތީ، އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޗަޗިން އަކީ އުމުރުން އަށް އަހަރުން ފެށިގެން ފުޓުބޯޅަ ކުޅެމުން އަންނަ ކުއްޖެކެވެ.