ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ ނުރައްކާތެރި އާ ވޭރިއަންޓް، އޮމިކްރޯންގެ ސަބަބުން ސައުދީ އަރަބިއްޔާއިން ދެކުނު އެފްރިކާގެ ހަތް ގައުމެއްގެ ފްލައިޓެއްއެ ގައުމަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދެކުނު އެފްރިކާ، ނެމީބިއާ، ލެސޯތޯ، އެސްވަޓިނީ، ޒިމްބާބުވޭ، މޮޒަމްބީކް އަދި ބޮޓްސްވާނާ އިން ސައުދީ އަށް ފްލައިޓުތައްދަތުރު ކުރުން މެދުކަނޑާލަން މިހާރު ވަނީ އަންގައިފައެވެ. އަދި މި ހަތް ގައުމުން މީހުން އެތެރެވުން ވެސް މަނާކޮށްފައިވެއެވެ.

ސައުދީ ގެޒެޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިގައުމުތަކަށް ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ މީހުން އަމަލު ކުރަން ޖެހޭ ގޮތްތަކެއް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން މިގައުމުތަކަށް ދަތުރުކޮށްފައިވާ ސައުދީ މީހުންވެސް ހިމެނޭ ގޮތަށް ފަސް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ އެވޭރިއަންޓާއި މެދު ހުރިހާ ގޮތަކުން ވެސް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ނިންމައިފައެވެ.

ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުން ހައެއްކަ ގަޑިއިރު ވަންދެން ޖެނީވާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު ބުނެފައި ވަނީ އަލަށް ފެނިގެން އުޅޭ ވޭރިއަންޓްގެ ނަމަކީ "އޮމިކްރޮން" ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އޮމިކްރޮން ވޭރިއަންޓް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާކަން ފާހަގަ ކުރެވުނު ނަމަވެސް ވަކިއިތުރު ފިޔަވަޅެއް ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅުމަށް ޑަބްލިއުއެޗްއޯ އިން އަދި ލަފައެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު