ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯން އާ ގުޅިގެން އަށް ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާ ކުރަން ނިންމައިފިއެވެ.
އެމެރިކާ އިން ނިންމާފައިވާ ގޮތުގައި އަންނަ ހޯމަ ދުވަހުން ފެށިގެން ދެކުނު އެފްރިކާ، ބޮޓްސްވާނާ، ޒިމްބާބުއޭ، ނެމީބިއާ، ލެސޯތޯ، އެސްވަޓިނީ، މޮޒަމްބީގް އަދި މަލާވީގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާވާނެއެވެ. މި ނިންމުން ނިންމާފައި ވަނީ ކިހާ މުއްދަތަކަށް ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި އަށް ގައުމުގެ މީހުން އެމެރިކާ އަށް އައުން މަނާ ކުރި ނަމަވެސް އެގައުމުތަކުން ފްލައިޓްތައް އެމެރިކާއަށް ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއް ނެތި ކުރާނެއެވެ. އަދި މި ސިޔާސަތު އެމެރިކާގެ ރައްޔިތުންނާއި އެމެރިކާގެ ޕާމަނަންޓް ރެޒިޑެންޓް ވިސާ ލިބިފައިވާ މީހުންނަށް ތަންފީޒެއް ނުވާނެއެވެ.
ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން އެމެރިކާގެ ރައީސް ޖޯއީ ބައިޑެން ވަނީ ވައިޓް ހައުސްގެ ޗީފް މެޑިކަލް އެޑްވައިޒަރު ޑރ. އެންތޮނީ ފައުޗީއާ ބައްދަލު ކުރައްވައިފައެވެ.
ބައިޑެން ވިދާޅުވި ގޮތުގައި އާ ވޭރިއަންޓާ ދެކޮޅަށް ކުރެވޭނެ ހަމައެކަނި ކަމަކީ ވީހާވެސް އަވަހަށް ރައްޔިތުން ވެކްސިން ފުރިހަމަ ކުރުމެވެ. އަދި ދުނިޔޭގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ފޯރުކޮށް ދިނުމުގެ މުހިންމު ކަން ވެސް ބައިޑެން ފާހަގަކުރެއްވިއެވެ.
ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ އެވޭރިއަންޓާއި މެދު ހުރިހާ ގޮތަކުން ވެސް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ނިންމައިފައެވެ.
އޮމިކްރޮން ވޭރިއަންޓް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާކަން ފާހަގަ ކުރެވުނު ނަމަވެސް ވަކިއިތުރު ފިޔަވަޅެއް ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅުމަށް ޑަބްލިއުއެޗްއޯ އިން އަދި ލަފައެއް ނުދެއެވެ.
އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ޔޫރަޕްގެ ގައުމުތަކާއި އެހެނިހެން ބައެއް ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.
އަހަރަމެން ހޮވާފަ ހުރި ގޮލާ ޖަހަނީ ބޫސްޓާ ޑޯޒް