ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯން އާ ގުޅިގެން އެ ވޭރިއަންޓް ފެނުނު ގައުމުތަކުން ސްރީ ލަންކާ އަށް އެތެރެވުން މަނާކޮށްފިއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ނެރުނު އެންގުމެއްގައި ބުނީ މާދަމާ އިން ފެށިގެން ދެކުނު އެފްރިކާ، ބޮޓްސްވާނާ، ޒިންބާބުވޭ، ނަމީބިއާ، ލެސޯޓޯ އަދި އެސްވާޓިނީ އިން ލަންކާ އަށް މީހުން އައުން މަނާވާނެ ކަމަށެވެ. މި ނިންމުން ނިންމީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

މިއިން ގައުމަކުން މީހަކު އިއްޔެ ނުވަތަ މިއަދު ލަންކާ އަށް އައި ނަމަ، އެ މީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހަމަކުރަން ޖެހޭނެއެވެ. އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި އެއްވެސް މީހަކު މިއިން ގައުމަކަށް ދަތުރުކޮށްފައިވާ ނަމަ އެ ބަޔަކަށް ލަންކާ އަށް އެތެރެވުން މަނާވާނެއެވެ.

ދެކުނު އެފްރިކާ އިން އަލަށް ފެނިގެން އުޅޭ އާ ވޭރިއަންޓާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ އެވޭރިއަންޓާއި މެދު ހުރިހާ ގޮތަކުން ވެސް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ނިންމައިފައެވެ.

އޮމިކްރޮން ވޭރިއަންޓް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާކަން ފާހަގަ ކުރެވުނު ނަމަވެސް ވަކިއިތުރު ފިޔަވަޅެއް ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅުމަށް ޑަބްލިއުއެޗްއޯ އިން އަދި ލަފައެއް ނުދެއެވެ.

މިހާތަނަށް އައިއިރު ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ރާއްޖެ އިން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެކަމަކު، އާ ވޭރިއަންޓްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރޭތީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ވަނީ ބޭއްވުމަށް ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު