ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯން އާ ގުޅިގެން އެ ސަރަހައްދުގެ އަށް ގައުމަކުން ތައިލެންޑަށް އެތެރެވުން މަނާކޮށްފިއެވެ.

އޮމިކްރޯން އަކީ ހުރިހާ ގޮތަކުން ވެސް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ވަނީ ކަނޑައަލާފައެެވެ.

މި ވޭރިއެންޓްގެ ނުރައްކާ ބޮޑު ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުމުންދާއިރު، މިހާރު އެކި ގައުމުތަކުން ދަނީ މި ވޭރިއެންޓް ފެނުނު ގައުމުތަކުން އެތެރެވުން މަނާ ކުރަމުންނެވެ.

ތައިލެންޑުން ބުނީ އާ ވޭރިއަންޓަށް ހިރާސް ބޮޑު ކަމަށް ކަނޑައަޅާފައިވާ އެފްރިކާގެ އަށް ގައުމަކުން މީހުން އެ ގައުމަށް އެތެރެވުން މަނާކުރާނެ ކަމަށެވެ.

އެގޮތުން ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޮޓްސްވާނާ، އެސްވަތީނީ، ލެސޯތޯ، މަލާވީ، މޮޒަމްބީކް، ނެމީބިއާ، ދެކުނު އެފްރިކާ އަދި ޒިމްބާބުވޭއިން އެ ގައުމަށް ދަތުރުކުރުން މަނާވާނެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ އިސް އޮފިޝަލެއް ކަމަށްވާ އޮޕާސް ކަރްންކަވިންޕޮންގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހޮނިހިރު ދުވަހުން ފެށިގެން ތައިލެންޑަށް މި ގައުމުތަކުން މީހުންނަށް ދަތުރު ކުރެވޭނެ ކަމަށާއި އަދި ދަތުރު ކުރުމަށް ރެޖިސްޓަރވެސް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއާލައިންތަކަށާއި މި ގައުމުތަކަށް އެކަން މިހާރު ވާނީ އަންގާފައި،" އޭނާ ވިދާޅުވިއެވެ.

އޯޕާސް ވިދާޅުވީ، ދަތުރުވެރިންގެ ތެރެއިން ވެކްސިން ފުރިހަމަޮށްފައިވާ މީހުންނަށް އެ ގައުމުން ދެމުންގެންދާ ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތަށް އޮންނަ އޮތުން އެފްރިކާގެ އެހެން ގައުމުތަކަށް ދެން ނޯންނާނެ ކަމަށެވެ.

މިވޭރިއަންޓް ފުރަތަމަ ފެނުނީ ނޮވެމްބަރ މަހުގެ 09 ވަނަ ދުވަހު އެވެ.

އޮމިކްރޮން ވޭރިއަންޓް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާކަން ފާހަގަވެފައި ވެއެވެ. އަދި މި ވޭރިއެންޓް ވެކްސިނަށް ނުގުޑާނެ ކަަމަށް ބައެއް ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ. އެކަމަކު އަދި މިކަމަށް ޑަބްލިވްއެޗްއޯއިން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.