ދެކުނު އެފްރިކާއިން ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ކަމަށްވާ "އޮމިކްރޮން ވޭރިއަންޓް" ދެނެގަނެވުމާއެކު، މި ވޭރިއެންޓް ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އެގޮތުން، ދެކުނު އެފްރިކާގެ ގައުމުތަކަށް ދަތުރުފަތުރު ކުރުން މަނާކުރުމާއި، ކޮވިޑް ވޭދަނަތައް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގައުމުތަކުން އަވަސްވެގަތެވެ.

ގައުމުތަކުން މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ މި ވޭރިއެންޓުގެ ސަބަބުން އަލުން އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވިދާޅުވުމުންނެވެ.

މި ވޭރިއެންޓް ފެނިގެން ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 24ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ބޮޓްސްވާނާ، ބެލްޖިއަމް، ހޮންގކޮންގ އަދި އިސްރާއިލުން ވެސް މި ވޭރިއެންޓް ދެނެގަނެވިފައިވެއެވެ.

ކޮވިޑް-19 ގެ އާ ވޭރިއެންޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުތު އެފްރިކާ، ނެމީބިއާ، ޒިމްބާބްވޭ، ބޮޓްސްވާނާ، ލެސޯތޯ އަދި އެސްވަތީނީ އިން އަންނަ ދަތުރުވެރިންނަށް އިނގިރޭސިވިލާތަށް އެތެރެނުވެވޭނެ ކަމަށް ވިލާތުން ކަނޑައަޅާފައިވެއެވެ. ހަމަ އެގޮތުން، ދެކުނު އެފްރިކާ، ބޮޓްސްވާނާ، ޒިމްބާބްވޭ، ނެމީބިއާ، ލެސޯތޯ، އެސްވަތީނީ، މޮޒަމްބީކް އަދި މަލާވީގެ ފްލައިޓްތައް ސަސްޕެންޑް ކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވެސް ބައެއް ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާނުކޮށްފައެވެ. އެގޮތުން:

އޮސްޓްރޭލިއާ: ދެކުނު އެފްރިކާ، ނެމީބިއާ، ޒިމްބާބްވޭ، ބޮޓްސްވާނާ، ލެސޯތޯ، އެސްވަތީނީ، ސީޝެލްސް، މަލާވީ އަދި މޮޒަމްބީކްގެ ފްލައިޓްތައް 14 ދުވަހަށް މެދުކަނޑާލައިފައެވެ. އަދި މިދިޔަ ދެ ހަފްތާ ތެރޭގައި އެ ގައުމުތަކުގައި ތިބި އޮސްޓްރޭލިއާ ނޫން މީހުން އެގައުމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.

ޖަޕާން: ދެކުނު އެފްރިކާގެ ގިނަ ސަރަހައްދުތަކުން ދަތުރުކުރާ މީހުން 10 ދުވަހަށް ކަރަންޓީންވާން ޖެހި، ކަރަންޓީނު މުއްދަތުގެ ތެރޭގައި ޖުމްލަ ހަތަރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.

އިންޑިއާ: ދެކުނު އެފްރިކާ، ބޮޓްސްވާނާ އަދި ހޮންގްކޮންގްއިން އަންނަ ދަތުރުވެރިން މިހާރަށްވުރެ ހަރުކަށިކޮށް ވައިރަހަށް ސްކޭންކުރަން ވަނީ ނިންމާފައެވެ.

އީރާން: ދެކުނު އެފްރިކާ ހިމެނޭ ގޮތަށް ދެކުނު އެފްރިކާގެ ހަ ގައުމަކުން މީހުން ދަތުރުކުރުން މަނާކޮށްފައެވެ. އަދި އެ ސަރަހައްދުން ގައުމަށް އެނބުރި އަންނަ އީރާނުގެ މީހުން ދެފަހަރަށް ކޮވިޑް ޓެސްޓް ހަދަން ޖެހެއެވެ.

ބްރެޒިލް: ދެކުނު އެފްރިކާގެ 6 ގައުމަކުން މީހުން އެގައުމަށް އެތެރެވުން މަނާކޮށްފައެވެ.

ތައިލެންޑް: ދެކުނު އެފްރިކާގެ 8 ގައުމަކުން މީހުން އެގައުމަށް އެތެރެވުން މަނާކޮށްފައެވެ.