ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19ގެ އާ ވޭރިއެންޓް "އޮމިކްރޮން" އަށް ޝައްކު ކުރެވޭ ވޭދަނައެއް ޖަރުމަނުން ފެނިއްޖެއެވެ.

ޖަރުމަނުވިލާތުގެ ސްޓޭޓް ހެސޭގެ ވަޒީރެއް ކަމަށްވާ ކައި ކްލޯސް ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓް އެ ގައުމަށް އެތެރެވެފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި "ދެކުނު އެފްރިކާއިން ރޭ އެނބުރި އައި ދަތުރުވެރިޔެއްގެ ގައިން އޮމިކްރޮން ވޭރިއެންޓާ އެއްގޮތް "މިއުޓޭޝަންތަކެއް ފެނުން" ކަމަށެވެ.

އަދި އެ ވޭރިއަންޓްގެ ފުރިހަމަ ސީކުއެންސިން ހަދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ މިއުޓޭޝަންތައް ހުރި ކަމަށް ސައިންސްވެރިން ބުނާ "އޮމިކްރޮން" ވޭރިއެންޓް އެންމެ ފުރަތަމަ ދެނެގަނެވިފައިވަނީ މިދިޔަ ހަފްތާގައި، ދެކުނު އެފްރިކާއިންނެވެ. ނެޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިއުނިކަބަލް ޑިޒީޒަސް (އެންއައިސީޑީ) އިން އިއްޔެ ބުނީ އެގައުމުން 22 މީހަކު މި ވޭރިއެންޓަށް ފައްސިވެފައިވާ ކަމަށެވެ.

މިހާތަނަށް އިތުރު ހަތަރު ގައުމަކުން މި ވޭރިއެންޓް ދެނެގަނެވިފައިވެއެވެ.

ޖަރުމަނުން މި ވޭރިއެންޓް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ އެގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ޖަރުމަނުގައި ކޮވިޑް ވޭދަނަތައް އިތުރުވާން ފެށުމާއެކު ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ.

އެގޮތުން، އާންމުން ވެކްސިން ޖަހާފައިވާކަން ސާބިތުކޮށްދޭން ޖެހުމާއި، ޕަބްލިކް ޓްރާންސްޕޯޓްގައި ދަތުރުކުރުމުގެ ކުރިންނާއި، މަސައްކަތުގެ މާހައުލަށް ވަނުމުގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނައްސި ނަތީޖާއެއް ދައްކަން ޖެހެއެވެ.