ކޮވިޑް-19 އާ ވޭރިއެންޓާއި ގުޅިގެން ކަންބޮޑުވުން އިތުރުވަމުންދާއިރު، ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ އުސޫލުތައް އަލުން މުރާޖާ ކުރުމަށް އޮފިޝަލުންނަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންގައިފިއެވެ.

އެގޮތުން، އިންޑިއާއިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ އަދި ހޮންގްކޮންގްއިން އެގައުމަށް އެތެރެވާ ދަތުރުވެރިން މިހާރަށްވުރެ ހަރުކަށިކޮށް ވައިރަހަށް ސްކޭންކުރަން ނިންމާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން "އޮމިކްރޮން ވޭރިއަންޓް" އަކީ "ކަންބޮޑުވާ" ވޭރިއަންޓެއް ކަމަށް ކަނޑައެޅުމާއެކު، އިންޑިއާ ބޮޑުވަޒީރު ވަނީ ބައިނަލްއަގުވާމީ ހުރިހާ އެރައިވަލްސްތައް މޮނިޓަރ ކުރުމާއި، ގައިޑްލައިންތަކާއި އެއްގޮތަށް ޓެސްޓު ކުރުމުގެ ބޭނުންތެރިކަމަށް މުރާޖައާ ކުރުމަށް އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށްފަހު، ނެރުއްވި ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

މޯދީ ވިދާޅުވީ މީހުން އިތުރަށް ސަމާލުވެ، މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

އަދި "އަ ވޭރިއެންޓާއެކު އާންމުން ޖެހޭ ‘ޕްރޯއެކްޓިވް’ ވާން" މޯދީ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ވޭރިއެންޓަށް ތައްޔާރުވެފައިވާ މިންވަރާއި ވެކްސިން ދިނުމުގެ ހާލަތު މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ކޮވިޑް-19 ވެކްސިން ކަވަރޭޖްގެ ދެވަނަ ޑޯޒް އިތުރު ކުރުމަށް އޮފިޝަލުންގެ ކިބައިން މޯދީ އެދިވަޑައިގެންފައެވެ.

އިންޑިއާގައި އާންމުކޮށް ބޭނުންކުރާ ބޭސްތަކުގެ ސްޓޮކް އެކަށީގެންވާ މިންވަރަށް ހުރިތޯ ކަށަވަރު ކުރުމާއި، ސްޓޭޓްތަކާ ގުޅިގެން މަސައްކަތްކުރުމަށާއި، ކުޑަކުދިންގެ ބަލިތަކަށް ފަރުވާދޭ މަރުކަޒުތައް ވެސް ހިމެނޭ ގޮތަށް، މެޑިކަލް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް މޮނިޓަރ ކުރުމަށް އޮފިޝަލުންނަށް މޯދީ ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު