ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އާވައްރު ކަމަށްވާ އޮމިކްރޮން އިނގިރޭސިވިލާތުން ވެސް ފެނިއްޖެކަމަށް އެގައުމުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ، އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން ޗެމްސްފޯޑް، އެސެކްސް އަދި ނޮޓިންހަމްއިން މިވައްތަރުގެ ވޭދަނަތައް ފެނިފައިވާ ކަމަށެވެ.

އޭނާ ބުނީ ފައްސިވެފައިވާ މީހުންނަކީ އެއީ އާ ވައްތަރަށް ފައްސިވެފައިވާ މީހުން ކަމުން މިވަގުތު އެމީހުން އެކަހެރިކޮށް ގާތުން އެއްތާވި މީހުންގެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމައިކްރޯން ގިނަ ގައުމުތަކުން މިހާރު ފެންނަމުން އަންނައިރު، ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ދެކުނު އެފްރިކާގެ ގައުމުތަކަށް ދަތުރު ކުރުމާއި އެސަރަހައްދުގެ ގައުމުތަކުން މީހުން އެހެން ގައުމުތަކަށް އެތެރެވުން މިހާރު ވަނީ މަނާ ކޮށްފައެވެ.

ދެކުނު އެފްރިކާ ސަރަހައްދުގެ ގައުމުތަކުން މީހުން އެތެރެވުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ފިލިޕިންސް، ރާއްޖެ އަދި ސްރީލަންކާ ފަދަ ގައުމުތައް ހިމެނެއެވެ.

ސައިންސްވެރިން ބުނެފައިވަނީ އޮމިކްރޯން ވޭރިއެންޓަކީ ބިރުގަންނަން ޖެހޭ ވައްތަރެއް ކަމަށާއި އެވައްތަރުގެ ސަބަބުން ބައްޔަށް ފައްސިވާ މީހުންގެ އިންސައްތަ ހަލުވި ކަމާއި އެކީ އިތުރުވަމުން އައިސްދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޮމިކްރޯން ފެތުރެން ފެށުމާއި އެކީ ސައިންސްވެރިން ވަނީ އެވައިރަހާއި ދެކޮޅަށް މަސައްކަތް ކުރާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައެވެ.