ދެކުނު އެފްރިކާ އިން ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން" ގެ ވޭދަނައެއް އިޓަލީން ފެނުނު ކަން އެ ގައުމުން އިއުލާންކޮށްފިއެވެ.

މިއާއެކު، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ވޭރިއަންޓް ފެނިފައި މިވަނީ އިޓަލީގެ އިތުރުން އިނގިރޭސި ވިލާތާއި ބެލްޖިއަމުންނާއި ޖަރުމަނުންނެވެ. މި ގައުމުތަކުގެ އިތުރުން ދެކުނު އެފްރިކާގެ ބައެއް ގައުމުތަކުންނާއި ހޮންކޮން އާއި އިސްރާއީލުން ވެސް ވަނީ ކޮވިޑްގެ އާ ވައްތަރު ފެނިފައެވެ.

އިޓަލީގެ ނެޝަނަލް ހެލްތު އިންސްޓިޓިއުޓް އިން ހާމަކުރާ ގޮތުގައި ކޮވިޑްގެ އާ ވޭރިއަންޓް ފެނުނީ މޮޒަމްބީކް އިން އައި މީހެއްގެ ގައިންނެވެ.

"ބަލި މީހާ އާއި އޭނާގެ އާއިލާ ތިބީ ހެޔޮ ހާލުގައި،" އިޓަލީގެ ނެޝަނަލް ހެލްތު އިންސްޓިޓިއުޓް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާވައްތަރުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެގައުމުތަކުން މީހުން އެތެރެވުން މަނާކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ކޮވިޑްގެ އޮމިކްރޯން ވައްތަރަކީ އޭގެ ސަބަބުން ބިރުގަންނަން ޖެހޭ ވައްތަރެއް ކަމަށް ސައިންސްވެރިން ބުނެފައިވާތީ، ގިނަ ގައުމުތަކުން މިހާރު ވަނީ އެސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދެކުނު އެފްރިކާ ހިމެނޭހެން، ނަމީބިއާ، ޒިމްބާބޭ، ބޮޓްސްވަނާ، ލެސޯތޯ އަދި އެސްޓަވީނީ އިން މީހުން އައުން މަނާ ކޮށްފައެވެ.

އެގޮތުން އެގައުމުތަކުން މީހުން އައުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔުނައިޓެޑް ކިންގްޑަމް، ޖަޕާން، ބަހްރެއިން، ސްރީލަންކާ، އޮސްޓްރިއާ، ފްރާންސް، އިޓަލީ، ނެދަލޭންޑްސް، މަލްޓާ، ސުވިޒަލޭންޑް، މިސްރު، ސިންގަޕޫރު، މެލޭޝިއާ، ދުބާއީ، ސައުދީ އަރަބިޔާ، ޖޯޑަން، ޖަރުމަންވިލާތް، ކެނެޑާ، ގްރީސް، އޮސްޓްރޭލިއާ، ތައިލޭންޑް، ރަޝިއާ، ތުރުކީ އަދި ރާއްޖެ ހިމެނެއެވެ.