ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19ގެ އާ ވޭރިއެންޓް "އޮމިކްރޮން" ހަލުވިކަމާއެކު ފެތުރެމުން ދާތީ އަށް ގައުމަކަށް ދަތުރު ނުކުރަން އެމެރިކާ އިން އަންގައިފިއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އަދި ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދެކުނު އެފްރިކާގެ އަށް ގައުމަކަށް ދަތުރު ނުކުރަން އެމެރިކާގެ ރައްޔިތުންނަށް އަންގައިފައެވެ. އަދި އަށް ގައުމެއްގެ ޓްރެވަލް ރިކޮމަންޑޭޝަން ލެވެލް މިހާރު ހުރީ ހަތަރެއްގައެވެ.

އެ ގައުމުތަކަކީ ސައުތު އެފްރިކާ، ޒިމްބާބްވޭ، ނަމީބިއާ، މޮޒަމްބީކް، މަލާވީ، ލެސޯތޯ، ބޮޓްސްވާނާ، އަދި އެސްވަޓިނީއެވެ.

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯން އާ ގުޅިގެން އަންނަ ހޯމަ ދުވަހުން ފެށިގެން މި އަށް ގައުމުން އެމެރިކާ އަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފައެވެ. މި ނިންމުން ނިންމާފައި ވަނީ ކިހާ މުއްދަތަކަށް ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި އަށް ގައުމުގެ މީހުން އެމެރިކާ އަށް އައުން މަނާ ކުރި ނަމަވެސް އެގައުމުތަކުން ފްލައިޓްތައް އެމެރިކާއަށް ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއް ނެތި ކުރާނެއެވެ. އަދި މި ސިޔާސަތު އެމެރިކާގެ ރައްޔިތުންނާއި އެމެރިކާގެ ޕާމަނަންޓް ރެޒިޑެންޓް ވިސާ ލިބިފައިވާ މީހުންނަށް ތަންފީޒެއް ނުވާނެއެވެ.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ އެވޭރިއަންޓާއި މެދު ހުރިހާ ގޮތަކުން ވެސް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ނިންމައިފައެވެ.

އޮމިކްރޮން ވޭރިއަންޓް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާކަން ފާހަގަ ކުރެވުނު ނަމަވެސް ވަކިއިތުރު ފިޔަވަޅެއް ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅުމަށް ޑަބްލިއުއެޗްއޯ އިން އަދި ލަފައެއް ނުދެއެވެ.

އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ޔޫރަޕްގެ ގައުމުތަކާއި އެހެނިހެން ބައެއް ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު