ދެކުުނު އެފްރިކާ އިން ފުރަތަމަ ދެނެގަނެވިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރު ގައުމެއްގެ އެއްވެސް މީހަކު އިސްރާއީލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ.

އޮމިކްރޮން ވޭރިއަންޓް ދެކުނު އެފްރިކާގެ ބައެއް ގައުމުތަކުންނާއި ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ގައުމުތަކުގެ ތެރޭގައި އިޓަލީ، ބެލްޖިއަމް، ޖަރުމަން، އިނގިރޭސި ވިލާތް، ހޮންކޮންގް، އިސްރާއީލް ވެސް ހިމެނެއެވެ.

މިއީ އާ ވޭރިއަންޓާ ގުޅިގެން ހުރިހާ ގައުމެއްގެ މީހުން އެތެރެވުން މަނާކޮށް ބޯޑަރު ބަންދު ކުރި ފުރަތަމަ ގައުމެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ނަފްޓާލީ ބެނެޓް ވިދާޅުވީ ބޭރު ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުން މަނާ ކުރީ 14 ދުވަސް ވަންދެން ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި އޮމިކްރޮންއާ ގުޅޭ އިތުރު މައުލޫމާތުތައް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިސްރާއީލްގެ އޮފިޝަލުން ވިދާޅުވިއެވެ. އަދި މި ވޭރިއަންޓް، ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަނީ ކިހާ ވަރަކަށްތޯ ކުރިއަށް އޮތް ތަނުގައި އެނގޭނެ ކަމަށް ވެސް އެ އޮފިޝަލުން ވިދާޅުވިއެވެ.

އިސްރާއީލުން ކޮވިޑް-19 ގެ އާ ވޭރިއަންޓްގެ އެއް ވޭދަނަ މިހާތަނަށް ފެނުނު އިރު، ހަތް ވޭދަނައަކަށް ވަނީ ޝައްކު ކުރެވިފައެވެ.

އެ ގައުމުން އާ ވޭރިއަންޓަށް ފައްސިވި މީހާ ކޮވިޑް ވެކްސިން ފުރިހަމަ ކުރި ކަމެއް ނުވަތަ ނޫން ކަމެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ. ޝައްކު ކުރެވޭ ހަތް ވޭދަނައިގެ ތެރެއިން ތިން މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވެއެވެ. އަދި ތިން މީހުން ދާދި ފަހަކުން އެއްވެސް ގައުމަކަށް ދަތުރު ނުކުރާ ކަމަށްވެއެވެ.

އިސްރާއީލްގެ އާބާދީ 9.4 މިލިއަނަށް އަރާ އިރު، ވެކްސިން ފުރިހަމަ ކުރި ނިސްބަތް އުޅެނީ %57 ގައެވެ.

އިސްރާއީލުން މިހާތަނަށް 1.3 މިލިއަން މީހުންނަށް ކޮވިޑް ޖެހި 8،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.