އޮސްޓްރޭލިއާ އިން ކޮވިޑް-19 ގެ އާ ވޭރިއެންޓް، އޮމިކްރޮން ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ގައުމުން ދެ ވޭދަނަ ފެނިފައިވަނީ ދެ ދަތުރުވެރިންގެ ފަރާތުންނެވެ.

އޮސްޓްރޭލިއާގެ ސިއްހަތާ ބެހޭ އޮފިޝަލުން މިއަދު ވިދާޅުވީ، ދެކުނު އެފްރިކާއިން ސިޑްނީއަށް ދަތުރުކުރި ދެ ފަސިންޖަރަކު ޓެސްޓު ކުރުމަށް ފަހު، ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ އޮމިކްރޮން ސްޓްރެއިން ފެނިފައިވާ ކަމަށެވެ.

ނިއު ސައުތު ވޭލްސްގެ ހެލްތު އޮތޯރިޓީން ބުނީ ދެ ފަސިންޖަރުންގެ ޓެސްޓުތަކެއް ހެދިއިރު އެމީހުންގެ ގައިގައި އާ ސްޓްރެއިން ހުރިކަން ކަށަވަރުވެފައިވާ ކަމަށެވެ.

"އެސިމްޓޮމެޓިކް ވެގެން ޕޮޒިޓިވްވި ދެ މީހުން ތިބީ ހާއްސަ ސިއްހީ އެކޮމޮޑޭޝަނެއްގައި އައިސޮލޭޝަންގައި. ދެ މީހުންނަށް ވެސް ފުރިހަމައަށް ވެކްސިން ދެވިއްޖެ،" ހެލްތު އޮތޯރިޓީން ބުންޏެވެ.

ހަމަ އެ ފްލައިޓުގައި ދެކުނު އެފްރިކާއިން ދަތުރުކުރި އިތުރު 12 ފަސިންޖަރަކު ކޮވިޑް-19 އަށް ފައްސި ނުވި ނަމަވެސް އެ ފަސިންޖަރުން ވަނީ ކަރަންޓީނުގައި ބައިތިއްބާފައި ކަމަށް އެ ފްލައިޓުން ދަތުރުކުރި އިތުރު މީހަކާއި ހަވާލަދީ މީޑިޔާ ރިޕޯޓްތަކުން ބުނެއެވެ.

އަދި މަތިންދާބޯޓުގައި ތިބި 260 އެއްހާ ފަސިންޖަރުންނާއި ކްރޫއިން ވެސް އައިސޮލޭޓް ކުރުމަށް އަންގާފައިވާ ކަމަށް ހެލްތު އޮތޯރިޓީން ބުންޏެވެ.