23:20

އެ ސަރަހައްދުގައި ހުރި "ސްކައި" ގެ ނޫސްވެެރިޔާ ރިޕޯޓްކުރާ ގޮތުގައި މި އޮޕަރޭޝަން ރޭވިފައިވަނީ ފުރަތަމަ 4 ކުދިން ނެރުމަށް. އެއަށްފަހު 3 ކުދިން. އަދި އެއަށް ފަހު އަނެއްކާވެސް 3 (ކޯޗާއި އެކު)

23:15

ފެން ތަޣައްޔަރުވެ އަނދިރިވުމުގެ ސަބަބުން ޑައިވަރުންނާއި ކުދިންނަށް އެމީހުންގެ އަތަށްވުރެ ދުރު ފެނުމަކީ އުނދަގޫ ކަމެއް.

23:07

ތަޖުރިބާކާރަކު ބުނާގޮތުގައި މިއީ ތާރީޚުގައިވެސް މިހާތަނަށް ކުރިއަށްދާ އެންމެ ބޮޑު މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނެވެ.

23:03

މިހާރުވެސް އެ ސަރަހައްދަށް ދަނީ ވާާރޭ ވެހެމުން. ބައެއް ފަރާތް ތަކުން ސިފަކުރާ ގޮތުގައި މިއީ "ފެނާއި ދެކޮޅަށް ކުރާ ހަނގުރާމައެއް"

22:50

ތައިލެންޑް ނޭވީއިން ދަނީ އެ ވުޒާރާގެ ފޭސްބުކް ޕޭޖުގައި މި އޮޕަރޭޝަންގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރަމުން. މި އޮޕަރޭޝަންގައި 90 ޑައިވަރުންގެ އިތުރަށް ޖުމްލަ 1000 އަށް ވުރެ ގިނަ ފަރާތްތައް ދަނީ މަސައްކަތް ކުރަމުން. އަދި މި މަސައްކަތުގައި އެކި ގައުމުތަކުގެ ފަރާތްތަކުގެ އެއްބައިވަންތަ ކަމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުން.

20:06

ކުއްޖަކު ސަލާމަތްވި ޚަބަރު ލިބުމުން، އާއްމުންގެ މީހަކު އުފާ ކުރަނީ

19:53

އަލްޖަޒީރާ: ލަންޑަނުގެ ކިންގްސް ކޮލެޖުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ ލެކްޗަރަރ އެއްކަމުގައިވާ އަންޑްރޭ ޑަނޭސް ބުނެފައިވަނީ ހޮހޮޅައިގައި ތާށިވެފައި ތިބި ގިނަ ކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައި ހުރުން އެކަށީގެންވޭ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި، ކުދި ކުދި ކަންކަމާ އެކުދިން ކުރިމަތިލާ ގޮަތަށް ބަދަލު އަންނާނެކަމަށް ބެލެވޭ. އަދި، ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހިދާނެފަދަ ނަފްސާނީ ބަލިތަކާ، އޭގެތެރެއިން ބައެއް ކުދިން ކުރިމަތިލާން ޖެހިދާނެ. އެގޮތުން، ޑިޕްރެޝަން، އެންޒައިޓީ، ޕޯސްޓް ޓްރޯމަޓިކް ސްޓްރެސް ޑިސްއޯޑަރ ހިމެނޭ.

ހަމައެހެންމެ، ހޮހޮޅައިގައި، އެކަށީގެންވާ ކާބޯތަކެއްޗާ ނުލައި އެތައް ދުވަހެއް ހޭދަކުރުމުން، ޖިސްމާނީ ގޮތުންވެސް އަސަރުކުރުން ހިމެނޭ.

19:47

ސަލާމަތް ކުރެވިފައިވަނީ ހަތަރު ކުދިންކަމަށް "އަލް ޖަޒީރާ" އިން ކަށަވަރުކޮށްދޭ. ހަ ކުދިންކަމަށް ބުނެ ޚަބަރު ގެނެސްދެވިފައިވަނީ މައުލޫމާތުގެ ކުށަކުންކަމަށް، އެ ޗެނަލުން ބުނެފައިވޭ

19:46

ގަވަރުނަރު: ހޮހޮޅައިގައި ދެން ތިބި ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަން ފަށަން، 10-20 ގަޑިއިރު ނަގާނެ

19:43

ހޮހޮޅައިން ސަލާމަތްކުރެވުނު ކުދިންގެ އަދަދާއި ގުޅޭގޮތުން އެކި މީޑިޔާތަކުން އަދިވެސް ބުނަމުންދަނީ އެކި އަދަދު.

މިހާރު ބެލެވޭ ގޮތުގައި ސަލާމަތްކުރެވިފައިވަނީ ހަތަރު ކުދިން.

19:34

ހޮހޮޅައިގައި ތާށިވެފައިވާ ކުދިންނަށް އިނގިރޭސި ބަސް ނޭނގޭއިރު، ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ގިނަ ޑައިވަރުންނަށް ތައިލެންޑު ބަސް ނޭނގޭ. އެހެންކަމުން، އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވާކަމަށްވެސް މައުލޫމާތު ލިބޭ.

19:05

މި އޮޕަރޭޝަނުގައި ތައިލެންޑާއި އެހެން ޤައުމުތަކުގެ ޑައިވަރުން ހިމެނޭގޮތަށް 90 ޑައިވަރުން ބައިވެރިވޭ.

ހޮހޮޅައިން ސަލާމަތްކުރާ ކުދިންނަށް ފަރުވާ ދިނުމަށް، ޝިއާންގ ރާއީ ހޮސްޕިޓަލުގައި ވަނީ ޚާއްޞަ ޔުނިޓެއް ޤާއިމްކޮށްފައި. އެތަނުގައި ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުންދާއިރު، ލޭގެ ޓެސްޓާއި ކުޑަކަމުދާ ތަކެތީގެ ޓެސްޓު ނެގޭގޮތަށް އިންތިޒާމްވަނީ ހަމަޖައްސާފައި.

19:03

ހޮހޮޅައިގައި ތިބި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް މިއަދަށް ނިންމާލާފައިވާކަމަށް އެމެރިކާ އިން ބުނެފި. ޑައިވަރުންނަށާއި ކުދިންނަށްވެސް ބޭނުންވާ އޮކްސިޖަންގެ އަދަދު މަދުވެފައިވާއިރު، ރޭވުމުގެ ސަބަބުން އެސަރަޙައްދުވަނީ ވަރަށް ބޮޑަށް އަނދިރިވެސްވެފައި.

އެމެރިކާ އަސްކަރިއްޔާ އިން ދަނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދެމުން.

މިއަދަށް ނިންމާލާފައިވާއިރު، ބާކީ ތިބި ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަން ދެން ފަށާނީ 10 ގަޑިއިރު ފަހުންކަމަށް "ބީބީސީ" އިން ބުނޭ.

18:58

މިހާތަނަށް ސަލާމަތްކުރެވިފައި ވަނީ ކޮން ކުދިންތަކެއް އަދި އެނގިފައި ނުވޭ. އެކުދިންގެ ނަމާއި، އުމުރު، ކަމާ ބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވޭ.

18:56

ހޮހޮޅައިގެ ބޭރުގައި ހުރި ފީލްޑް މެޑިކަލް ސެންޓަރަކުން ފަރުވާ ހޯދުމަށްފަހު، ހެލިކޮޕްޓަރުތަކުގައި ޝިއާންގ ރާއީގެ ހޮސްޕިޓަލަކަށް، ސަލާމަތްކުރި ތިން ކުއްޖަކު ގެންގޮސްފި. މި ކުދިން ގޮވައިގެން ދިޔަ ތިން ހެލިކޮޕްޓަރު ޖައްސާފައިވަނީ ހަމަ ދެންމެ.

18:54

ޝިއާންގ ރައީގެ ގަވަރުނަރު: މިއަދު ކަންތައްތައް އަދި ދަނީ ވަރަށް އަމާންކޮށް، ޓީމުތަކުގެ މަސައްކަތްތަކުގައިވެސް ދައްޗެއް ނެތް.

18:51

ހޮހޮޅައިން ކުދިން ސަލާމަތްކުރުމާ ގުޅޭގޮތުން، ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ދޭ ޕްރެސް ކޮންފަރެންސް އެއް މިހާރު ދަނީ ހިނގަމުން.

18:50

18:45

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އެމެރިކާ އިން ދަނީ ތައިލެންޑުގެ ސަރުކާރާއެކު، ހޮހޮޅައިގައި ތާށިވެފައިވާ ކުދިންގެ ކަންކަން ބަލަމުން.

 

18:42

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ހޮހޮޅައިން ބޭރަށް ނެރެނީ، އެންމެ ބަލިކަށިކޮށް ތިބި، ޞިއްޙީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ކުދިން.

18:30

ޝިއާންގ ރައީގައި ހުންނަ ފީލްޑް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ކޮންމެ ކުއްޖަކުވެސް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެކުއްޖަކު ނިސްބަތްވާ ސަރަޙައްދެއްގެ ހޮސްޕިޓަލަކަށް. އެކުދިން އެތަންތަނަށް ގެންދާނީ އަސްކަރީ ހެލިކޮޕްޓަރުތަކުގައި

ސަލާމަތްކުރި ކުދިން ގޮވައިގެން ދަތުރުކުރާ އަސްކަރީ ހެލިކޮޕްޓަރެއް

18:26

 

18:23

ސަލާމަތްކުރި ކުއްޖަކު އެމްބިއުލާންސެއްގައި ގެންދަނީ

18:21

ތައިލެންޑުގެ އިންޓީރިޔާ މިނިސްޓަރ، މި އޮޕަރޭޝަން ސިފަކޮށްފައިވަނީ ފެނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި

18:19

އެސަރަޙައްދުގައި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކާ ހަވާލާދީ "ރޮއިޓަރސް" އިން ބުނެފައިވަނީ މިހާތަނަށް ހަ ކުއްޖަކު ސަލާމަތްކޮށްފައިވާކަމަށް.

18:18

ބައިނަލްއަޤުވާމީ މީޑިޔާތަކުން، ހަ ކުއްޖަކު ސަލާމަތްކޮށްފައިވާކަމަށް ބުނެފައިވީނަމަވެސް، ތައީ ނޭވީ ސީލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހަތަރު ކުއްޖަކު ސަލާމަތްކޮށްފައިވާކަމަށް.

އެކުދިން ސަލާމަތްކުރީ ރާއްޖެ ގަޑިން 17:47 ގައިކަމަށް ނޭވީ ސީލް އިން ބުނެފައިވޭ.

18:16

ހޮހޮޅައިން ސަލާމަތްކުރާ ކުދިންގެ ގެންދަމުން ދަނީ ޝިއަންގ ރާއީ ސަރަޙައްދުގައި ހުރި ފީލްޑް ހޮސްޕިޓަލަކަށް. މިތަން ހުރީ ހޮހޮޅައިން ނިކުންނަ ސަރަޙައްދާ 15 ކިލޯމީޓަރު ދުރުގައިކަމަށް މައުލޫމާތު ލިބޭ.

17:49

ސަލާމަތްކުރި ކުދިންގެ އަދަދު ހަޔަކަށް އަރައިފި.

17:44

ރޮއިޓާސް: ސަލާމަތްކުރި ފުރަތަމަ ކުއްޖާ ހެލިކޮޕްޓަރުގައި ގެންގޮސްފި. އެ ކުއްޖާ ގެންގޮސްފައިވަނީ ޗަންގް ރައި ގައި ހުންނަ ހޮސްޕިޓަލަކަށް.

17:36

އެ ސަރަހައްދުގައި ތައްޔާރީ ހާލަތުގައި 13 ހެލިކޮޕްޓަރު އެބައޮތް. އެގޮތުން ސަލާމަތްކުރާ ކުދިން ވަގުތީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މި ހެލިކޮޕްޓަރުތަކުގައި އެ ކުދިން ނިސްބަތްވާ ސަރަހައްދުގެ ހޮސްޕިޓަލަށް ގެންދިޔުމަށް ވަނީ ނިންމާފައި.

17:31

ސްކައި ނިއުސް: އިތުރު ހަތަރު ކުދިން ގިނަ އިރުތަކެއް ނުވެ ސަލާމަތްކުރާނެ ކަމަށް ތައިލޭންޑްގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފި.

ތައިލެންޑުގެ ހޮހޮޅައިގައި ތާށިވެފައި ތިބި ކުދިންގެ ތެރެއިން ތިން ކުއްޖަކު ސަލާމަތްކޮށްފިއެވެ.

އަދި އިތުރު ކުއްޖަކު ނެރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ތައިލެންޑްގެ ފަރުބަދައެއްގެ ހޮހޮޅައެއްގައި ތާށިވެފައިވަނީ ވައިލްޑް ބޮއާސް ނަމަކަށް ކިޔާ ޓީމުގައި ހިމެނޭ 12 ކުދިންނާއި އެ ކުދިންގެ ކޯޗެވެ. މި އެންމެން ހޮހޮޅައިގެ ތެރޭގައި ތާށިވީ ޖޫން 23 ވަނަ ދުވަހުއެވެ.

ކުރިން ރޭވިފައިއޮތް ގޮތާއި ހިލާފަށް މިއަދު ކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށީ "އެނޫން އިތުރު އެއްވެސް ގޮތެއް ނެތިގެން" ކަމަށް ނަރޮންގްސާކް އޮސަޓަނަކޯންގެ އެކްޓިން ގަވަރުނަރު ތަމް ލުއަންގް ވިދާޅުވިއެވެ.

ކުދިންނާއި ކޯޗް ހޮހޮޅައިން ނެރުމަށްޓަކައި ޑައިވް ކުރުމުގެ ބައިނަލްއަޤުވާމީ 13 ތަޖުރިބާކާރަކާއި ތައިލެންޑް ސިފައިންގެ އެންމެ ވަރުގަދަ ފައުޖު ކަމަށްވާ "ސީލް" ގެ ފަސް ޑައިވަރަކު މިއަދު ހެނދުނު ވަނީ ހޮހޮޅައަށް ވަދެފައެވެ.

ގަވަރުނަރު ތަމް ވިދާޅުވީ ހޮހޮޅައިން ފެން ހިއްކަން ކުރި މަސައްކަތުގެ ސަބަބުން މިހާރު ވަރަށް ބޮޑަށް ފެން މަދުވެފައިވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މިހާރު ކުދިން ނުނެރެވިއްޖެނަމަ ވަގުތު ފާއިތުވެދާނެ ކަމަށެވެ.

ޑައިވަރުން މިހާރު ނިންމާފައި ވަނީ ކޮންމެ ކުއްޖަކާއި އެކު ތަޖުރިބާކާރު ދެޑައިވަރުން ތިބެގެން އެކުދިން ހޮހޮޅައިން ނެރޭށެވެ. މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމެއް ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ. ނަމަވެސް އިތުރަށް މަޑުކޮށްފިނަމަ ނުރައްކާތައް އިތުރުވެ އެއްވެސް ކުއްޖެއްގެ ފުރާނަ ސަލާމަތް ނުކުރެވިދާނެތީ ހާލަތުގެ ގޮތުން މިނޫން އެއްވެސް ގޮތެއް ނެތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކުދިން ނެރެވޭނެ އިރަކަށް ހޮހޮޅައިގެ ބޭރު މިހާރު ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. އެސަރަހައްދުން ނޫސްވެރިން ދުރުކޮށް މުޅި ސަރަހައްދު ވަނީ ކުއްލި ހާލަތުގައި އެންމެ ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދެވޭ ފެންވަރަށް ތައްޔާރުކޮށްފައެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން އެސަރަހައްދުގައި ތައްޔާރީ ހާލަތުގައި އެބަތިއްބެވެ.

އިތުރު ތަފްސީލް އަންނަނީ

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަހުމަދު

    الحمد لله

  2. ހެޔޮއެދޭ

    އިރާދަކުރެއްވިޔާ ހުރިހާކުދިން ސަލާމަތް ވާނެ

  3. ޑީ

    ދުއާ އަކީ ހުރިހާ ކުދިންނާއި ކޯޗު އަދި ޑައިވަރުން ސަލާމަތުން ނުކުތުން.

  4. Anonymous

    لله އަކުބަރު

  5. Anonymous

    الحمد لله

  6. ކިންގފިޝަރ

    4 ކުދިން

  7. ހައިދަރު

    ވަގުތު ނޫހުން މި ހަބަރު ފުރިހަމަ ކަމާއެކު ގެނެސްދޭތީ ވަރަށް ބޮޑަށްޝުކުރިއްޔާ އިރާދަކުރެއްވިއްޔާ ހުރިހާކުދިން ސަލާމަތުން ނިކުމެވޭނެ

  8. ނުޒު

    އިރާދަ ކުރެއްވީޔާ މިއަދުވެސް ދެންތިބި ކުދީން ސަލާމައް ވާނެމަގު މާތްއައްޅާހު.މިންވަރު. ކުރައްވާށިއެވެ. އާމީން.