ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިނުން އަލަށް ފެނުނު އޮމިކްރޮން ވޭރިއެންޓާއި ދެކޮޅަށް ވެސް ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށް ދެކުނު އެފްރިކާގެ ތަޖުރިބާކާރަކު ބުނެފިއެވެ.

ދެކުނު އެފްރިކާގެ އިންފެކްޝަސް ޑިޒީޒްގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރ ސާލިމް އަބްދުލް ކަރިމް ބުނެފައިވަނީ އޮމިކްރޮން ވޭރިންޓް ޖެހޭ މީހުންގެ ހާލަތު އެހެން ވޭރިއެންޓް ޖެހޭ މީހުންނަށްވުރެ ދެރަކަން ބުނެދޭން އަދި އުނދަގޫ ކަމަށެވެ.

އެހެން ނަމަވެސް އޮމިކްރޮން ވޭރިއެންޓަކީ ނުރައްކާތެރި ވޭރިއެންޓެއް ކަމަށާއި ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވާކަން ފާހަގަ ވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ ވަނީ ދުވާލެއްގެ މައްޗަށް އެގައުމުން އެވޭރިއެންޓަށް ފައްސިވާ މީހުންގެ އަދަދު 10000 މަތީގައި އުޅޭނެ ކަމަށް ވެސް ލަފާ ކޮށްފައެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއްޗެއްގެ މައްޗަށް ބިނާކޮށް، އަދި ކަންބޮޑުވާ އެހެން ވޭރިއަންޓްތަކަށް ވެސް ވެކްސިން ވަނީ ރަނގަޅު ނަތީޖާއެއް ދައްކާފައި. އެހެން ކަމުން މިފަހަރު ވެސް މިވޭރިއެންޓް ޖެހޭ މީހުންގެ ތެރެއިން ހާލުދެރަވާ މީހުންނާއި ހޮސްޕިޓަލުގައި އެނދުމަތި ކުރާ މީހުންނަށް ރައްކާތެރިކަން ލިބޭނެ ކަމުގެ ފުރުސަތު ބޮޑު" އޭނާ ބުނެފައިވެއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުމާއި ގުޅިގެން ސައިންސްވެރިން ވަނީ ބައްޔާއި ހަނގުރާމަ ކުރުމަށް ވެކްސިންތަކެއް އުފައްދާފައެވެ. ތަފާތު އެކި ވެކްސިންތައް އުފައްދާފައިވާއިރު، މިއީ މުޅި ދުނިޔެއިން ނުރައްކާތެރި ބައްޔެއް ފެނިގެން އެ ބައްޔާއި ހަނގުރާމަ ކުރުމަށް އެންމެ އަވަހަށް ވެކްސިނެއް ވެސް އުފެއްދި ފަހަރެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ވެސް ސައިންސްވެރިން އަންނަނީ އެވޭރިއެންޓަކީ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ބުނެ އެއިން ރައްކާތެރިވުމަށް ހާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.