ކޮވިޑް-19 ޑެލްޓަރ ވޭރިއަންޓަށްވުރެ ފަސޭހައިން އޮމިކްރޮން ވޭރިއަންޓް ފެތުރޭ ކަމަށް ދެކުނު އެފްރިކާގެ އެޕިޑެމޮލޮޖިސްޓަކު ބުނެފިއެވެ.

ކޮވިޑްގެ ހާލަތު ދުނިޔޭގައި މިދިޔަ އަހަރުން ފެށިގެން އެންމެ ބޮޑަށް ގޯސްވާން މެދުވެރިވީ ޑެލްޓަރ ވޭރިއަންޓްގެ ސަބަބުންނެވެ. ޑެލްޓަރ ވޭރިއަންޓް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރުން އަވަސް ވުމުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގެ ހާލަތު ގޯސްވެ، ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކު މަރުވާން ދޫކޮށްލަން ޖެހުނެވެ.

ދެކުނު އެފްރިކާގެ އެޕިޑޮމޮޖިސްޓެއް ކަމަށްވާ ސާލިމް އަބްދޫލް ކަރީމް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ޑެލްޓަރ ފެތުރޭ ވަރަށްވުރެ ފަސޭހައިން، އަވަހަށް އޮމިކްރޮން ފެތުރެއެވެ. ނަމަވެސް މިއީ އެންމެ ފުރަތަމަ ލިބުނު ހެކިތަކަށް ބިނާކޮށް ބުނާ ވާހަކައެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އޮމިކްރޮން ވޭރިއަންޓާއި ގުޅޭ ގޮތުން އަދި މާގިނަ މައުލޫމާތެއް ނޭނގެއެވެ.

އޮމިކްރޮން ވޭރިއަންޓް ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތައް، އާއްމުކޮށް ކޮވިޑް ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކާއި ބަލާފައި ކުޑަކަމަށް އެވޭރިއަންޓް ފުރަތަމަ ދެނެގަތް ދެކުނު އެފްރިކާގެ ޑޮކްޓަރު އެންޖެލީކް ކޮއިޓްޒީ ވަނީ ވިދާޅުވެފައެވެ.

ޑރ.އެންޖެލިކާ ވިދާޅުވީ އޮމިކްރޮން ވޭރިއަންޓް އަށް ފައްސިވި މީހުންގެ ކިބައިން ފެންނަނީ ކުދިކުދި އަލާމާތްތަކެއް ކަމަށެވެ. "ބަލި މީހުންގެ ކިބައިން ފެނުނު އަލާމާތްތަކަކީ ވައިރަލް އިންފެކްޝަނެއް ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް." ޑރ.އެންޖެލިކާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާ ފަރުވާ ދިން ބަލި މީހުންގެ ކިބައިން ފެނުނީ ވަރުބަލިވުމާއި، ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ކަމަށެވެ. ކޮވިޑް ޖެހުނު ބައެއް މީހުންގެ ކިބައިން ފެނުނު ރަހަ ނުލުމާއި ވަސް ނުދުވުން ފަދަ ކަންކަން މިވޭރިއަންޓް ޖެހުނު މީހުންގެ ކިބައިން ނުފެންނަ ކަމަށް ޑރ.އެންޖެލިކާ ވިދާޅުވިއެވެ.

ނަމަވެސް މިއީ އަދި ވޭރިއަންޓްގެ ނުރައްކަލެއް ނެތް ކަމަށް ނިންމިދާނެ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑރ.އެންޖެލިކާ ވިދާޅުވީ ވެކްސިން ނުޖަހާ މީހުންނައި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ހާލު ބޮޑުވުން އެކަށީގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު