ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ދިނުމަށް އެމެރިކާގެ މާކް ކުންފުނިން އުފެއްދި ބޭހަކަށް ހުއްދަ ދިނުމަށް އެމެރިކާގެ އެފްޑީއޭއިން މާދަމާ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ އެފްޑީއޭ އިން މިބޭސް ބޭނުން ކުރުމުގެ އެމެޖެންސީ ހުއްދައެއް ދޭނީ ޑްރަގްސް އެޑްވައިޒަރީ ކޮމެޓީގެ ލަފާ ވެސް ހޯދުމަށް ފަހުއެވެ.

މާކް އިން އުފެއްދި ބޭސް ދިނުމަށް ހަމަޖެހިފައި ވަނީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އާދައިގެ އަލާމާތްތަކަށް ވުރެ ކުޑަތަންކޮޅެއް ހާލަތު ގޯސްވާ މީހުންނަށެވެ. މިބޭސް ދޭނީ ކޮވިޑް ޖެހުމުން ހާލު ގޯސް ވެދާނެ ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށެވެ.

މާކްގެ ބޭހަށް ހުއްދަ ދިނުމަށް އެމެރިކާގެ އެފްޑީއޭ އިން ތައްޔާރުވަމުން ދާއިރު ހުކުރު ދުވަހު އާއްމުކުރި ދިރާސާ ރިޕޯޓް ބުނާ ގޮތުން މިބޭސް ބޭނުން ކުރުމުން މަރުވާ މީހުންގެ ނިސްބަތް %30 ކުޑަކޮށްދެއެވެ. މިއީ ފުރަތަމަ އާއްމުކުރި ދިރާސާ އާއި އަޅައި ބަލާއިރު ދަށް އަދަދެކެވެ. ފުރަތަމަ އާއްމުކުރި ދިރާސާ ރިޕޯޓް ބުނާ ގޮތުން މިބޭސް ބޭނުން ކުރުމުން މަރުވާ މީހުންގެ ނިސްބަތް %50 ކުޑަކޮށްދެއެވެ.

މިބޭސް ބޭނުން ކުރުމުގެ ހުއްދަ ދިން ނަމަވެސް މާބަނޑު މީހުން މިބޭސް ބޭނުން ކުރުން މަނާ ވާނެއެވެ. އެއީ ޖަނަވާރުން ބޭނުން ކޮށްގެން ކުރި ދިރާސާތަކަށް ބަލާއިރު މިބޭސް ބޭނުން ކުރުމުން ދަރިފުޅު ބައިގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

ފައިޒާ ކުންފުނިން ވެސް މިހާރު ވަނީ ކޮވިޑް ޖެހޭ މީހުންނަށް ދިނުމަށް ބޭހެއް އުފައްދާފައެވެ. ނަމަވެސް އެބޭސް ބޭނުން ކުރުމުގެ ހުއްދައެއް އަދި އެމެރިކާގެ އެފްޑީއޭ އިން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު