ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ކޮވިޑް-19ގެ އާވައްތަރު، "އޮމިކްރޮން" ގާނާ އާއި ނޯވޭއިން ފެނިއްޖެއެވެ.

ގާނާގެ ހެލްތް މިނިސްޓްރީން ބުނީ އެގައުމުން "އޮމިކްރޮން" ވޭރިއެންޓަށް ފައްސިވެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެގައުމަށް އައި މީހަކު ކަމަށެވެ. އެހެން ނަމަވެސް އޭނާ ދަތުރު ކޮށްފައިވަނީ ކޮން ގައުމަކަށް ކަމަށާއި އޭނާއަށް އެ ބަލި ޖެހުނު ގޮތެއް އެގައުމުން ހާމަ ކޮށްފައެއް ނުވެއެވެ.

ނޯވޭގެ ސަރުކާރުން ބުނެފައިވަނީ އެގައުމުން އޮމިކްރޮން ވޭރިއެންޓަށް ފައްސިވެފައިވަނީ ދެ މީހަކު ކަމަށާއި އެމީހުންނަކީ ދެކުނު އެފްރިކާއަށް ދަތުރު ކޮށްފައިވާ މީހުން ކަމަށެވެ.

ނޯވޭގެ ވަކި ސަރަހައްދެއް ކަމަށްވާ އޮއެގާޑެންގެ މޭޔަރު ޓޮމް އިންޑްރެވިކް ބުނެފައިވަނީ އެމީހުން އޮމިކްރޮން ވޭރިއެންޓަށް ފައްސިވި ނަމަވެސް މިވަގުތު ބަލިން ރަނގަޅުވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އޮމިކްރޮން ވޭރިއެންޓް ފެނުނީ ދެކުނު އެފްރިކާއިން ކަމަށް ބައެއް މީޑިއާ ތަކުން ބުނި ނަމަވެސް ނެދަލޭންޑުން އޭގެ ކުރިން އޮމިކްރޮން ވޭރިއެންޓް ފެނިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެހެން ކަމުން މިވަގުތު އެބަލި އެންމެ ފުރަތަމަ ފެނުނު ގައުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

އޮމިކްރޮން ވޭރިއެންޓާއި ދެކޮޅަށް ސައިންސްވެރިން އަންނަނީ ވެކްސިނެއް އުފައްދަމުންނެވެ. މި ވޭރިއެންޓާއި ގުޅިގެން ކަމުގެ މާހިރުން ބުނެފައިވަނީ އެއީ ބިރުގަންނަން ޖެހޭ ވަރުގެ ވޭރިއެންޓެއް ކަމަށެވެ. އެހެންކަމުން މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

އޮމިކްރޮން ވޭރިއެންޓަށް ގިނަ ބަޔަކު ފައްސިވަމުން އައި ނަމަވެސް މި ވޭރިއެންޓް ޖެހިގެން މީހަކު މަރުވެފައިވާ ކަމަށް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.