އިންޑިއާގެ ވެރިރަށް ދިއްލީގެ ސްކޫލުތަކާއި ކޮލެޖުތައް ބަންދު ކުރަން ނިންމައިފިއެވެ.

ވައި ތަޣައްޔަރުވާ މިންވަރު އިތުރުވުމުގެ ސަބަބުން ގާތްގަނޑަކަށް 15 ދުވަހަށް ސްކޫލްތައް ބަންދުކުރުމަށްފަހު ސްކޫލްތަކާއި ކޮލެޖްތައް އަލުން ހުޅުވުމަށް ދިއްލީ ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ނިންމާފައެވެ. ވަކި މުއްދަތެއް ނެތްގޮތަށް މިފަހަރު އަނެއްކާވެސް ސްކޫލްތައް ބަންދުކޮށްފައިވަނީ ސުޕްރީމް ކޯޓުން ދިން އިންޒާރަކާއި ގުޅިގެންނެވެ.

އިއްޔެ ކުރިޔަށްދިޔަ ވައި ތަޣައްޔަރުވުން ކުޑަކުރުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ބުނެ އާންމުންގެ ޕެޓިޝަނެއްގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން ވަނީ ދިއްލީގެ ކަމާބެހޭ ފަރާތްތަކުން ސްކޫލްތަކާއި ކޮލެޖްތައް އަލުން ހުޅުވަން ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެ ކޯޓުން ވަނީ ސްމޯގް ލެވެލް ދަށްކުރުމަށް ކަމާބެހޭ ފަރާތްތަކަށް 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.

ދިއްލީގެ ތިމާވެއްޓާ ބެހޭ ވަޒީރު ގޯޕާލް ރާއީ ވިދާޅުވީ، އިމާރާތްކުރުން މަނާކުރުމާއި، ޒަރޫރީ ނޫން މުދާ ހިފައިގެން ޑީސަލް ޓްރަކްތަކަށް ވަނުން އަނެއްކާވެސް މަނާކުރާނެ ކަމަށެވެ.

ދިއްލީ ސަރުކާރުން ވަނީ އާންމު ދަތުރުފަތުރު ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން އިތުރު 700 ނެޗުރަލް ގޭސް ފުޅި ހިމެނޭ ބަސް ތަކެއް ނަގާފައެވެ. އެހެންވެ، ރާއީ ވަނީ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުމަށް ވެސް ރައްޔިތުންގެ ކިބައިން އެދިފައެވެ. އޭނާ ވިދާޅުވީ ފެން ސްޕްރޭ ކުރުމަށް ފަޔާ ޓްރަކްތައް ބޭނުން ކުރުން ފަދަ ޑަސްޓް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ދިއްލީގައި ވައި ތަޣައްޔަރުވުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށް، ސްކޫލްތައް ބަންދުކުރަން ނިންމާފައިވަނީ ވައި ތަޣައްޔަރު ވުމުގެ ސަބަބުން ނޭވާލުމުގެ މައްސަލަތަކެއް ކުރިމަތިވެ ގިނަ ކުދިންތަކެއް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ބެލެނިވެރިންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ވައި ތަޣައްޔަރުވުމުގެ ސަބަބުން 2019 ވަނަ އަހަރު ދިއްލީގައި 17،500 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.