ޖަރުމަންވިލާތުގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ނުޖަހާ މީހުން ގެއިން ބޭރަށް ނިކުތުން މަނާކޮށް، އެގައުމު ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދު އިއުލާން ކޮށްފިއެވެ. އަދި ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަން ޖަރުމަންވިލާތުގެ ސަރުކާރުން މިއަދު ވަނީ އިއުލާން ކޮށްފައެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި އަދި އެކަމަނާއަށް ފަހު ޗާންސެލަރުގެ މަގާމާއި ހަވާލުވާ އޮލަފް ޝޮލްޒް މިއަދު އިއުލާން ކުރެއްވި ނިންމުމުގައި ވަނީ ވެކްސިން ނުޖަހާ މީހުންނަށް ކޮންމެހެން ބޭނުންވާ ތަކެތި ގަންނަން ވެސް ވިޔަފާރި ކުރާ ތަންތަނަށް ވަނުން މަނާ ވާނެ ކަމަށެވެ. ވެކްސިން ނުޖަހާ މީހުންނަށް ސްޕަމާކެޓްތަކާއި ފާމަސީތަކަށް ވެސް ވަނުމުގެ ހުއްދައެއް ނޯންނާނެއެވެ.

ޖަރުމަންވިލާތުން ވަނީ ހުރިހާ އެންމެން ވެސް ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް ނިންމާފައެވެ. ނަމަވެސް މިނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ޖަރުމަންވިލާތުން ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައި މިވަނީ ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނަމުން ދާތީ އާއި މިހާރު ފެނިގެން އުޅޭ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ހާލަތު ބަދަލުވެދާނެތީއެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރުކަން 16 އަހަރު ކުރެއްވުމަށް ފަހު މާކެލް މިރޭ މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާކެލް ވިދާޅުވީ ޖަރުމަންވިލާތް ކޮވިޑްގެ ހަތަރުވަނަ ރާޅުން ސަލާމަތް ކުރުމަށް މިހާރުގެ ހާލަތާއި މެދު ސީރިއަސްކޮށް ވިސްނައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.