އެލެކްސަންޑްރިއާގައި ކުރިއަށް ދިޔަ މެޗެއްގެ ތެރެއިން މިސްރުގެ ޓީމުން ފަހު ވަގުތު ޖެހި ލަނޑާއެކު އެ ޓީމުގެ ކޯޗުގެ ހިތް ހުއްޓިގެން މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލް ޒާގާ ޓީމާއި ދެކޮޅަށް މިސްރުގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ އަލް މާޖިދް ކުޅުނު މެޗުގައި އެޓީމުގެ ކޯޗު އަދަމް އަލް ސެލްދާރުގެ ހިތް ހުއްޓިގެން މަރުވެފައިވަނީ އެޓީމުން މެޗުގެ 91 ވަނަ މިނެޓުގައި ޖެހި މޮޅުވާ ގޯލާއި އެކުއެވެ.

އުމުރުން 53 އަހަރުގެ ސެލްދާރުގެ ހިތް ހުއްޓިގެން މަރުވިއިރު، އޭނާގެ ޓީމުން ދިޔައީ ފަހު ވަގުތު މޮޅުވުމުން އުފާ ފާޅު ކުރަމުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އޭނާ މަރުވެފައިވަނީ ދަނޑު މައްޗަށް ވެއްޓިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ވެސް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. އަދި ވަޅު ލާފައިވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އެވެ.

އަލް މާޖިދުގެ ކޯޗުކަން ކޮށްދެމުން އަންނަ ސެލްދާރަކީ މީގެ ކުރިން މިސްރުގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ އަލް އިސްމައިލީއަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ފުޓްބޯޅާގައި މީހުން މަރުވުމަކީ އަލަށް ދިމާވާ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް މެޗުތައް ކުޅެމުން ދަނިކޮށް ވެސް ބައެއް ޓީމުތަކުގެ ކުޅުންތެރިން ވަނީ މަރުވެފައެވެ.