ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 1217 މީހަކު މަރުވެއްޖެއެވެ.

ކޮވޑް-19ގެ ފަހުގެ މައުލޫމާތު އާއްމު ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރަޝިއާއިން އިތުރު 1217 މީހަކު މަރުވެ އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 278،857 އަށް އަރާފައެވެ.

އެގައުމުން ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވެސް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، އިތުރު 32،930 މީހަކު މި ބައްޔަށް ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 9،736،037 އަށް އަރާފައެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، މަރުވެފައިވާ ގައުމެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 8,436,631 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 1,020,549 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

ރަޝިއާއިން ދުވަހުން ދުވަހަށް ކޮވިޑަށް ފައްސިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިވަގުތު މުޅި ދުނިޔެއަށް ވަނީ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ވައްތަރެއްގެ ސަބަބުން އިތުރު ބިރުވެރިކަމެއް ފެތުރިފައެވެ.

ރަޝިއާއަކީ ކޮވިޑް ބަލީގައި ގިނަ ބަޔަކު ކޮންމެ ދުވަހަކު މަރުވަމުން އަންނަ ގައުމެއް ކަމުން އެގައުމަށް ވެސް ކޮވިޑްގެ މި ވޭރިއެންޓްގެ ނުރައްކާ އެބަ އޮތް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު