މިހާތަނަށް ދުނިޔޭގެ 38 ގައުމަކުން ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ދެންމެ ބުނީ ޑަބްލިއުއެޗްއޯ އިން ދުނިޔެ ބަހާލާފައިވާ ހަސަރަހައްދުން ވެސް މިހާރު އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ކަމަށެވެ.

ނަމަވެސް އަދި މިހާތަނަށް އޮމިކްރޮން ވޭރިއަންޓް ޖެހިގެން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އޮމިކްރޮން ވޭރިއަންޓް ވެކްސިންގެ އަސަރު ކުރާ މިންވަރު ދެނެގަންނަންށާއި ފަރުވާ އަށް ގެންނަން ޖެހޭ ބަދަލުތައް އެނގެން ހަފްތަކެއް ނަގާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ގްރޫޕް ލީޑް ކުރައްވާ މާރިއާ ވެން ކަޝްކޯވް ވިދާޅުވީ އޮމިކްރޮން އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ނަމަވެސް މިއީ ހަލުވިކަމާއިއެކު ފެތުރެމުން ދިޔަ ޑެލްޓަރ ވޭރިއަންޓަށްވުރެ ހަލުވިކޮށް ފެތުރޭ ވޭރިއަންޓެއްކަން އަދި މުޅިން ކަށަވަރު ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ އޮމިކްރޮން ވޭރިއަންޓް ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަތަން. ނަމަވެސް މިއީ އަދި ޑެލްޓަރ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރެމުން އަންނަ ވޭރިއަންޓެއް ކަމަށް ނިންމަން އަދި މާއަވަސް." މާރިއާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ހެލްތު އެމަޖެންސީގެ އެގްޒެކެޓިކް ޑިރެކްޓަރ ޑރ.މައިކް ރަޔަން ވިދާޅުވީ އޮމިކްރޮން ވޭރިއަންޓުން ވެސް އަދި ފެންނަނީ ޑެލްޓަރ ވޭރިއަންޓް ވެސް ފެތުރެން ފެށި ދުވަސްވަރު ފެނުނު ފަދަ ކަންތައްތަކެއް ކަމަށާއި އަދި ސަޕްރައިޒްތަކެއް އޮމިކްރޮން ވޭރިއަންޓުން ނުފެންނަ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އޮމިކްރޮން ވޭރިއަންޓްގައި ކޮވިޑް ވައިރަހަށް 30 ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ އަވަހަށް ބަލި ފެތުރުމާއި އަދި ވެކްސިނަށް ނުގުޑާ ފަދަ ބައްޔަކަށް މިބަލި ވެގެން ހިނގައިދާނެ ސަބަބެއް ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މިރޭ ވެސް ތަކުރާރުކޮށް ބުނީ އޮމިކްރޮން އަށް ފައްސިވާ މީހުންގެ ހާލަތު ގޯސްވާނެ ކަމަށް ނިންމަން އަދި މިހާތަނަށް އެކަށީގެންވާ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު